ކޮވިޑަށް ޕޮޒިޓިވްވެ، ހާލު ދެރަވެ ފަރުވާދިނުމުގައި ކުރިމަތިވި އިހުމާލުތަކުގެ ސަބަބުން ނިޔާވި ފާތުމަތު މިޝްކާގެ މަރާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ހެދި ރިވިއުއަށްފަހު ނެރުނު ރިޕޯޓުގައި ހުރި ބައެއް ވާހަކަތައް އާއިލާއިން ދޮގުކޮށްފި އެވެ.

މިޝްކާ ކޮވިޑަށް ޕޮޒިޓިވްވި ދުވަހުން ފެށިގެން ނިޔާވުމާ ހަމައަށް ކަންހިނގާފައިވާ ގޮތުގެ ރިވިއުއެއް ހެލްތް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓްކުރި ހިސާބުން ވެސް އެމްބިއުލެންސް އެކްޓިވޭޓް ނުކުރެވި ދެ ގަޑިއިރާއި 26 މިނެޓް ވަނީ ހޭދަވެފައެވެ. އެމްބިއުލަންސަށް އާދޭސްކޮށްގެން ނުފޮނުވުމުން އެ އިންތިޒާމް ހަމަޖައްސައިދޭން އެދި ދަރުބާރުގެއަށް ވެސް އާއިލާގެ މީހަކު ދިޔަކަން ރިޕޯޓުން ވަނީ ހާމަވެފައެވެ. އެމްބިއުލާންސް ފޮނުވި ކަމަށް ބުނެ އާއިލާއަށް ދޮގު މައުލޫމާތު ދިންކަންވެސް ރިޕޯޓުން ވަނީ ފަަޅާއަރާފައެވެ.

މިޝްކާގެ ހާލަތު ގޯސްވެ ނޭވާލާން އުނދަގޫވެގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭން އެދި ކޯލް ސެންޓަރަށް ގުޅީ އެ ރޭ 21:06 ގައެވެ. ތަކުރާރުކޮށް ގުޅައިގެން އެމްބިއުލަންސް ފޮނުވިގަޑި ކަމަށް ރިޕޯޓުގައި ބުނެފައި އޮތީ 22:38 އެވެ. އެމްބިއުލަންސް ދިޔައިރު މިޝްކާގެ ހަރަކާތެއް ނެތް ކަމާއި ވަގުތުން ސީޕީއާރު ފެށި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެމްބިއުލާންސް އެގެއަށް ގޮސްފައިވަނީ 23:38 ގައި ކަމާއި އައިޖީއެމްއެޗްއާ ހަމައަށް ދެވުނީ 23:42 ގައި ކަމަށް ރިޕޯޓްގައި ވެއެވެ. އެކަމަކު މިޝްކާގެ މަރާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާ އާއިލާގެ މީހަކު ބުނީ ރިޕޯޓުގައި އޮތް ގަޑީގައި އެމްބިއުލަންސް ގެއަށް ފޮނުވައިފައިނުވާ ކަމަށެވެ. ހެއްކެއްގެ ގޮތުން ވަނީ ކޯލް ލޮގް ވެސް ޓުވީޓާގައި އޭނާ އާއްމުކޮށްފަ އެވެ.



އެ ލޮގުން އެގޭ ގޮތުގައި، 23:42ގައި ވެސް 1676 އަށް ގުޅައި ހަ މިނެޓު ވާހަކަ ދެއްކިއެެވެ. ގެއާ ހިސާބުން ސީޕީއާރު ފެށިކަމަށް ހެލްތުގެ ރިޕޯޓުގައި އޮތް ނަމަވެސް އެވާހަކަވެސް އާއިލާއިން ވަނީ ދޮގުކޮށްފައެވެ.

ހެލްތުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މިޝްކާ މެއި، 30 ގައި ބައްޔަށް ޕޮޒިޓިވްވިކަން އެނގުމުން ޑޮކްޓަރަކަށް ދައްކަން އާއިލާއިން އެދުނު ކަމަށެވެ. އެހެން ނަމަވެސް އެދުނު ގޮތަށް ކޮންސަލްޓޭޝަން ފޯރުކޮށްދީފައެއް ނުވެ އެވެ.

އެޗްޕީއޭއިން އަމަލުކުރާ އުސޫލް ހަމަޖައްސާފައި އޮންނަނީ ބަލީގައި ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުޑަކުދިންނަށް "ކެއާ ކްލަސްޓާ" އިން ގުޅައި ހާލު ބަލާ ގޮތަށެވެ. އެކަމަކު އެ ކްލަސްޓާއިން ވެސް މިޝްކާގެ މައިންބަފައިންނަށް ގުޅައި ހާލު ބަލާފައި ނުވާކަން ވަނީ ހާމަވެފައެވެ.

މިޝްކާގެ ހާލު ސީރިއަސްވެގެން ހޯމަ ދުވަހު 14:20ގައި ކޯލް ސެންޓަރަށް އާއިލާއިން ވަނީ އަންގާފައެވެ. އޭގެ ފަހުން ހާލު ސީރިއަސްވާތީ އެކި ފަހަރު މަތިން ގުޅައި މިޝްކާ ކޮވިޑަށް ޕޮޒިޓިވް ކަމާއި ނޭވާލަން އުނދަގޫކަމާއި ހިކިކޮށް ކެއްސާ ކަމަށާއި ހުން އަންނަތާ ހަ ދުވަަސް ވެފައިވާކަން އަންގާފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ. އެކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމުން ތެރަޕީ ނަގާ ކަމަށް ކުއްޖެކެވެ.

ހެލްތު ގެ ރިވިއުއިން ހާމަވިގޮތުގައި އެމްބިއުލަންސް ލަސްވެގެން 23:16-23:33 އާ ދެމެދު އިތުރު ފަަސް ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިޔާ ގުޅިއެވެ. އެއް ކޯލުގައި، މިޝްކާގެ ނޭފަތުން ލޭ އަންނަ ކަމަށާއި ހޭނެތިފައިވާކަމަށް ވެސް އާއިލާއިންބުނި ކަމަށް ރިޕޯޓްގައިވެއެވެ.

އެކަމަކު، މި އާދޭސްތައް ކޯލް ސެންޓަރުން ނެގީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައިކަން ރިޕޯޓުން ވަނީ ހާމަވެފައެވެ. މައުލޫމާތު ޝީޓުގައި "އެޓެންޑަޑް" ކަމަށް މެޑިކަލް ރެސްޕޯންސް ޓީމުން އަޅައި ވަނީ ނިންމާލާފައެެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އިންތިޒާމްތަކަށް ބަދަލު ގެންނަމުންދާ ކަމަށެވެ. އިމަޖެންސީ ކޯލްތަކަށް ކްލަސްޓާތަކުން ފިޔަވަޅު އަޅަމުން އާދޭތ ވެސް ބަލަމުން އަންނަ ކަމަށް ރިޕޯޓްގައިވެއެވެ.

ކަމާގުޅޭ އިދާރާތަކުން ކަންހިނގިގޮތް ހަގީގަތާ ހިލާފަށް ކިޔައިދީ ރިޕޯޓް އާންމުކުރުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން