ލާދީނީ ގޮވުން ހުއްޓުވުމަށް ހުށަހެޅި ބިލަކީ ދީނާއި ދެކޮޅަށް ވާހަކަ ދައްކަން ހުޅުވައިދޭނެ ދޮރެއްކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީޕާޓީން މިކަން ހާމަކޮށްފައި ވަނީ ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލާއިމެދު އެޕާޓީން ދެކޭގޮތް ހާމަކޮށް ނެރުނު ބަޔާނުގައެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާނުގައި އެމީހެއްގެ ޢަމަލުތައް ނުބައިވެ ހައްދުފަހަނައަޅައި ދިއުމުން އެމީހަކަށް ﷲ ތަޢާލާ ލަޢުނަތް ލައްވަވާ ކަމާއި ނަމަވެސް ޝައިޠާނާ އެމީހަކަށް ޝަރަފުގެ ތާޖް ދޭކަން އެއީ މުސްލިމުން ޤަބޫލުކުރާ ޙަޤީޤަތެއްކަމަށް ބުނެފައިވެއެވެ. ކަންކަން ހުރީ މިމަގުންކަމަށްވުމުން ޝައިޠާނާ ޢިއްޒަތާއި ޝަރަފުގެ ތާޖުދޭ ހިސާބަށް އެއްވެސްމީހެއްގެ ކަންކަން ހިނގައްޖެނަމަ އެމީހަކާއިމެދު ބުނަންއޮތް ޙައްޤުބަސް މުސްލިމުން ބުނާނެކަމަށާއި އެއީ ފާސްކުރާ ޤާނޫނަކުން މަނާކުރެވޭނެ ކަމެއް ނޫންކަމަށް ބަޔާނުގައިވެއެވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި މިފަދަ ކަންކަން ހިނގާފައި އެބަހުރިކަމަށާއި އެކަމާއި ގުޅިގެން ޢިލްމުވެރިން ގެންދަވަނީ ޙައްޤުބަސް ވިދާޅުވަމުންކަމަށްވެސް ޖޭޕީގެ ބަޔާނުގައިވެއެވެ.

"އެފަދަ ބަސްފުޅު ވިދާޅުވަނީ ކަންކުރާ މީހާއަށް ބައްލަވައިގެންނެއް ނޫނެވެ. އެމީހަކު ކުރާ ޢަމަލަކަށް ބައްލަވައިގެންނެވެ. އެމީހަކު ދައްކާ ވާހަކައަށް ބައްލަވައިގެންނެވެ." ޖޭޕީގެ ބަޔާނުގައިވެއެވެ.

ޖޭޕީގެ ބަޔާނުގައި މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލު ޤާނޫނަކަށް ހަދަން މަސައްކަތް ކުރަނީ ކޮންބަޔަކަށް ޙިމާޔަތްދޭންތޯ ސުވާލުކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން ނުކުންނާނީ ކޮންނަތީޖާއެއްތޯއާމެދު ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާކަމަށްވެސް ޖޭޕީގެ ބަޔާނުގައިވެއެވެ.

ޖޭޕީން ބުނީ މި ބިލު ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ގޮތަށް އެމަފްހޫމްގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހާއި އަދި އެނޫންވެސް ތަންތަނުގައި ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވާދެވުނީ އެކަން ކުރުމުގެ ޤާނޫނީ ދޮރެއްކަމަށެވެ.

ﷲ ތަޢާލާގެ ޙަޟްރަތަށާއި އެކަލާންގެ ރަސޫލާޝް އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައި ހުރި ޤާނޫނު ތަކުގައި ބުނެދީފައި އޮތް ނަމަވެސް، އެއްވެސް ސަރުކާރަކުން، އެފަދަ އެއްވެސް މީހަކާ މެދު ތަހުގީގެއް ހިންގާ އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ޖޭޕީގެ ބަޔާނުގައިވެއެވެ.



ޖޭޕީގެ ބަޔާނުގައި ﷲ ތަޢާލާގެ ޙަޟްރަތަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާހަދާ މީހެކޭ ނުވަތަ އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެކަމަށް ބުނެފައިވެއެވެ. އަދި، ހުށަހަޅާފައިވާ ބިލު، ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށް ވެއްޖެނަމަ ދިވެހި މުޖުތަމަޢު އިތުރަށް ފިތުނަވެ ފަސާދަވުން ނޫން ގޮތެއް ނުވާނޭކަން ކަށަވަރުކަމަށްވެސް ބަޔާނުގައިވެއެވެ.

ޖޭޕީގެ ބަޔާނުގައި ﷲ ތަޢާލާގެ ޙަޟްރަތަށާއި އެކަލާނގެ ރަސޫލާއަށާއި އިސްލާމް ދީނަށް ލޯބިކުރާ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މިބިލު މިހާރު އޮތް މަފްހޫމުގައި ފާސްކުރުމަށް ވޯޓު ދެއްވަފާނެތޯ ވަނީ ސުވާލުއުފައްދާފައެވެ. އަދި މިބިލު މިހާރު އޮތް މަފްހޫމުގައި ފާސްކުރުމަށް ވޯޓު ދެއްވައިފިނަމަ އެބޭފުޅުން މާތް ﷲ ގަންދެއްވާ ކުރައްވައިގެން ތިއްބެވި ހުވަޔާ ޚިލާފުވީ ކަމަށް ނުވާނެތޯވެސް ޖޭޕީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މިސަރުކާރު ދެމިއޮތުމަށް ތާއީދު ކުރާ އެކަކުވެސް ހުށަހެޅިފައިވާ ބިލު، ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށް ހެދުމަކަށް ތާއީދެއް ނުކުރާނެކަމަށްވެސް ޖޭޕީގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން