މިދިޔަމަހުގެ 6 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ އެންމެފަހުގެ މައުލޫމާތު މިއަދު ހިއްސާކުރާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ މިއަދު މެންދުރުފަހު 13:30 އަށް ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޮންލައިން ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ތާވަލުކޮށްފައެވެ. ނަމަވެސް ޕްރެސްގައި ބައިވެރިވެވަޑައިގަންނަވާނީ ކޮން ބޭފުޅުންނެއްކަމަކަށް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ޕްރެސް ކޮންފަރެންސެއް ތާވަލުކޮށްފައި މިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަށް 1 މަސް ފުރުމާއި ދިމާކޮށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގެ ތަހުޤީގާއި ގުޅޭ މައުލޫމާތު ފުލުހުން އެންމެ ފަހުން ހިއްސާކުރީ މޭމަހުގެ 20 ވަނަދުވަހުއެވެ.



ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންނަކީ މއ. ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ. ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ވ. ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ. ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

މިމައްސަލައިގެ ތަހުޤީޤް ލަސްވާތީ ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނާއި ތަހުޤީގު ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރުން ކޯވިޑަށް ޕޮޒިޓިވްވުމުން ތަހުޤީގަށް ލަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި އެ ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެއްވުމަށްފަހު ޖަރުމަންވިލާތަށް ވަޑައިގެން އިތުރު ފަރުވާ ވަނީ ހޯއްދަވާފައެވެ. އަދި އަންނަ މަހު އެނބުރި ރާއްޖެ ވަޑައިގެންނެވޭވަރު ވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން