ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ސަބަބުން ދީނީހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ހަނިކޮށް، އެކަން މަނާކުރުމަށް މަގުފަހިވެގެންދާކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ނެރުނު ބަޔާނެއްގައި ބުނީ 26 މެއި 2021 ގައި ރައްޔިތުންގެ މަޖްލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ "ދީނީހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް" ފަރުމާކޮށްފައިވާ ޤާނޫނާމެދު، ޖަމްޢިއްޔަތުއްސަލަފުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި 30 އަށްވުރެ ގިނަ ޢިލްމުވެރީންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

މިބައްދަލުވުމުގައި "ސަރުކާރުން ހުށައަޅުއްވާފައިވާ ބިމުގެ ނުރައްކާތެރިކަމާއި، ދީނީ ނަސޭޙަތްދިނުމުގެ މައިދާނަށް އޭގެ ސަބަބުން އެޅިގެންދާނެ ހުރަސްތަކާމެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވި، ކަންބޮޑުވުންތައް ޙިއްސާކުރެވިފައިކަމަށް ސަލަފުން ބުނެއެވެ. އަދި މި ބިލް ހުށައެޅުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލްގެ ނަމުގައި ބިލް އިޝްތިހާރުކުރެވިގެން ގޮސްފައިވުމުގައި ޢާންމު ރައްޔިތުންނަށް ބިލުގެ އަޞްލު މަޤްޞަދާއި ޙަޤީޤަތް އޮޅޭނޭ ފަދައިން އޮތުންވެސް ކަންބޮޑުވުމެއްގެ ގޮތުގައި ޢިލްމުވެރީން ފާހަގަކުރައްވާފައިވާ ކަމަށްވެސް ސަލަފުން ބުނެއެވެ. މީގެއިތުރުން މި ބިލުގެ ސަބަބުން، ޤާނޫނު އަސާސީގެ 27 ވަނަ މާދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް ހުރަސް އެޅޭނޭ ކަމުގައިވެސް، ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ފާހަގަކުރިކަމަށް ސަލަފުން ބުނެއެވެ.



ސަލަފުން ބުނީ މަޝްވަރާތަކުން ނިންމީ އެކިއެކި ފަރާތްތަކުން، އެފަރާތަކަށް ކުރެއްވޭ އެންމެ ފުޅާ ދާއިރާއެއްގައި އެބިމުގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، އާއްމުންނަށް ޙަޤީޤަތް ސާފުކޮށްދިނުމާއި، އަދި އެބިލު އެ އޮތްގޮތަށް ފާސް ނުކުރުމަށް އެންމެހާ ދާއިރާއެއްގެ މަޖްލީހުގެ މެމްބަރުންނަށް އިލްތިމާސްކޮށް، މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަށްޗަށްކަމަށެވެ. އަދި މީގެ އިތުރުން، ކުރެވެންހުރި އެހެނިހެން ކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޢިލްމުވެރީންގެ ކަންބޮޑުވުން ފޯރުކޮށްދިނުމުގެ ގޮތްތަކާމެދުވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަމަށް ސަލަފުން ބުނެއެވެ.

ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލަށް ސަލަފް ޖަމުޢިއްޔާގެ އިތުރުން، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީން އެބިލު ފާސްކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން