ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް އެއްކުރެވުނު ފޮރެންސިކް ހެކިތަކުން ވެސް ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދިން ސަރަހައްދުންނާއި ބަލައި ފާސްކުރި ތަންތަނުން ހޯދުނު ތަކެތީގެ ތަހުލީލްތައް ދިވެހި ފުލުހުންގެ ފޮރެންސިކް ސާވިސުން ކުރަމުންދާ ކަމަށެވެ.

ބައިނަލްއަގްވާމީ ޕާޓްނަރުންގެ އެހީތެރިކަންވެސް ތަކެތި ތަހްލީލް ކުރުމުގައި ލިބެމުންދާކަން ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ މިމައްސަލައިގައި އެއްކުރެވުނު ފޮރެންސިކް ހެކިތަކުން ވެސް ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލްތައް ހާމަ ނުކުރަނީ ތަހުގީގު ބައްޓަންކޮށްފައިވާ ގޮތުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް 150 މީހަކާ ސުވާލުކޮށް 200 އަށް ވުރެ ގިނަ ސީސީޓީވީ ފްޓޭޖު އެނަލައިޒް ކުރަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ފުލުހުން ބަލަހައްޓާ ސީސީޓީވީ ފްޓޭޖުގެ އިތުރުން އާންމުން ވެސް ބައެއް ވީޑިއޯ ފްޓޭޖުތައް ހިއްސާކޮށްފައިވާ  ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ މިމައްސަލަައިގައި އިންސާފަށް ވާސިލްވުމަށް މުހިއްމު ދައުރެއް އަދާކުރާނެ ހެކިތަކެއް." ޝިފާއު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، ހަމަލާ ތަހުގީގުގައި ބަލަނީ ހަމަލާ ދިނުމުގައި ބަޔަކު ބައިވެރިވި ގޮތާއި ބައިވެރިވި މިންވަރާއި އަދި އެއްވެސް ގޮތަކުން ފައިނޭންސް ކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދަން އަމާޒުކޮށްގެން ކަމަށެވެ. މި ހަމަލާ އަށް ފަންޑުކޮށްފައިވާނަމަ އެބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު މިދިޔަ މެއި، 6، ގައި ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގު ކަންމަތީގައި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވިއިރު އެމަނިކުފާނު ފުރާނަފުޅު ސަލާމަތް ކުރުމަށް މެދުނުކެނޑި ކުރި 16 ގަޑިއިރުގެ ސާޖަރީތަކެއް ވަނީ ހަދާފައެވެ. ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ޖަރުމަންވިލާތުން ވެސް އެމަނިކުފާނު ފަރުވާ ހޯއްދެވިއެވެ. ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން