އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ގައުމެއް ކަނޑައެޅުމަށް ބާއްވާ އިންތިހާބު މާދަމާ އޮންނާނެއެވެ.

އިންތިހާބުގެ ވޯޓުލުން އޮންނާނީ ރާއްޖެ ގަޑިން މާދަމާރޭ 7:00 ޖަހާއިރު އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދގެ މައި މަރުކަޒުގައެވެ.

ރާއްޖެއިންވެސް ވާދަކުރާ މިއިންތިހާބުގައި 2 ކެނޑިޑޭޓުން ވާދަކުރައްވާއިރު، ރާއްޖޭގެ ފަރާތުން ވާދަކުރައްވަނީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އިންތިހާބުގައި ދެން ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމައި ރަސޫލެވެ.

އެއްއަހަރުގެ ދައުރަކަށް އިންތިހާބުކުރާ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަށް ޝާހިދު ކެމްޕެއިން ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، މި އިންތިހާބު ރާއްޖެއިން ކާމިޔާބުކުރާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން ގަބޫލުކުރައްވައެވެ. މި ކެމްޕޭނަށް ޚާރިޖީ ވަޒީރު ގިނަ ދަތުރުތަކެއް ކުރަށްވާފައި ވާއިރު މިހާރުވެސް ނިއުޔޯކްގައި ވަޑައިގެން ހުންނަވާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. ކޯވިޑްގެ މި ދަތި ހާލަތުގައި ޚާރިޖީ ވަޒީރު ދައުލަތުގެ ފައިސާ ބޭކާރު ކަމަކަށް ޚަރަދު ކުރަށްވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ. އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓަން ޔޫރަޕިއަން ސަރަހައްދެވެ.

މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މިނިސްޓަރ ޝާހިދު ވާދަކުރައްވަނީ މިސަރަހައްދަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން