ރައްޔިތުންގެ މަޖިލީހުން މިހާރު ކަންކުރަނީ، މާޒީގައި މަޖިލީހުން ކަންކުރިގޮތަށްކަމަށް މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވީ މާޒީގައި ވެރިކަންކުރި މީހުން އެމީހުންގެ ވެރިކަމާއި، ބާރު ދަމަހައްޓަން ވީމާ "ޑިފެންސް ފެންޑާއަށް" ރައްޔިތު މީހާ ޙާޒިރުކުރާކަމަށެވެ. އަދި އެމައްސަލައެއްގައި ހުކުމްކުރާނީ، ޑިފެންސް މިނިސްޓްރީގެ ވަކީލުކަމަށް މޫސަ ވިދާޅުވިއެވެ. އެހިސާބުން އެމީހަކު ގޮޅިއަށްލާ، އަނިޔާކޮށް، މަރާލާނީކަމަށް މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖްލިސް މިއަދު އެ ބަދަލުވަނީ އެ މާޒީއަށްކަމަށެވެ. ކިތަންމެ އަވަހަށް ކަމެއް ކުރަންވިޔަސް އަދި ކިތަންމެ މުހިއްމުކަމެއް ވިޔަސް އޮންނަ އުސޫލުގެ ބޭރުން އެކަން ކޮށްފިނަމަ ޤާނޫނުގެ ބޭރުން ކަންކުރަން އެހުޅުވެނީ، ދޮރެއްކަމަށާއި މިކަން މަޖްލިސް މެމްބަރުން ވިސްނަވަންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން، އެމަނިކުފާނުގެ ސަލާމަތީ ކަންކަން ފޫއަޅުވާލި ގޮތާއިމެދު މަޖިލީހުގެ 241 ކޮމިޓީން މިހާރުވަނީ އިންކްއަރީއެއް ފަށާފައެވެ.

އެ އިންކުއަރީއަށް މައުލޫމާތު ހޯދުމުގެ ގޮތުން އިއްޔެ ވަނީ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން ހާޒިރުކޮށްފައެވެ. އަދި ޑިފެންސް މިނިސްޓްރީގެ އިސްބޭފުޅުންވެސް އިންކްއަރީ އަށް ވަނީ ހާޒިރުކޮށްފައެވެ.

މިކަމާގުޅިގެން ސަލާމަތީ ބާރުން ގާނޫނުތަކާއި ހަވާލާދީ ކުރިން ބުނެފައި ވަނީ ކޮމިޓީގެ އިންކްއަރީއަށް ވަކިވަކި ސިފައިން ހާޒިރުކޮށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ. ސަލާމަތީ ބާރުން މިގޮތަށް ބުނުމުން ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުން ތެދުވެ މީޑިއާ ތަކުގައާއި މީސްމިޑިއާގައި ސަލާމަތީބާރުގެ އެނިންމުމަށް ފާޑުކިޔައި ގޮންޖަހައި އެ މުއައްސަސާ "ކުޑަކޮށްލުމަށްފަހު" ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން މިހާރުވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން