އެމްބިއުލާންސް ލަސްވާ ހާލަތްތަކުގައި އެހީތެރިވުމަށް ޕިކަޕް ޑްރައިވަރުންތަކެއް ނުކުމެ ފަރުދީޒިންމާގެ ނަމޫނާ ދައްކައިފިއެވެ.

އެމްބިއުލާންސް ނުލިބި ނުވަތަ އެމްބިއުލާންސް ލަސްވާ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޕިކަޕް ޑްރައިވަރުންތަކެއް ނިންމާފައި މިވަނީ، އެމްބިއުލާންސް ލަސްވުމުގެ ސަބަބުން ފަރުވާ ލަސްވެ، ކުޑަކުއްޖަކު ނިޔާވުމުގެ ހިތާމަވެރި ހާދިސާއެއް ދިމާވެފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމްބިއުލާންސް ލަސްވާ ހާލަތްތަކުގައި އެ ޕިކަޕް ޑްރައިވަރުން އެހީތެރިވެދޭނެ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ގުޅަންޖެހޭ ފޯނު ނަމްބަރުތައް ވަނީ ހިއްސާކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު، އަހްމަދު ނަރީޝް ވަނީ ދާއިރާގެ ރައްޔިތުންގެ ނަމުގައި މިކަން ކުރަން ނިންމި ފަރާތްތަކަށް ޝުކުރުއަދާކުރަށްވާފައެވެ. އަދި މިކަމުގެ ސަބަބުން ހިތާމެރި ހާދިސާތައް ހިނގުން މަދުވާނެކަން ނަރީޝް ފާހަގަކުރެއްވިއެވެ.

ޕިކަޕްގައި ބަލި މީހުން އުފުލައިދޭ ފަރާތައް:-

7777844: ޝަފީގު

7774211: ދޮމްބެ

9993499: ސޮބާހު

7765219: އަޒްމީ

9102424: އިއްސެ

7678281: އަލީ މުހައްމަދު

ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، އެކަށީގެންވާ އަދަދަކަށް މާލޭގައި އެމްބިއުލާންސް ނެތުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. އަދި އެކަމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ސިއްހީ ވަޒީރު ވިދާޅުވެފައިވަނީ ކޯވިޑްގެ ހާލަތުގައި ބޭނުން ކުރަން މާލެ ސަރަހައްދުގައި އޮތީ ފަސް އެމްބިއުލާންސް ކަމަށެވެ.

ސަރުކާރުން ބުނާގޮތުން ވަރަށް އަވަހަށް ގިނަ އަދަދެއްގެ އެމްބިއުލާންސް ރާއްޖެ ގެންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން