ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން، އެމަނިކުފާނަށް ދެމުންގެންދާ ސަލާމަތާ ރައްކާތެރިކަން ފޫއަޅުވާލި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއިން އަސްކަރިއްޔާއަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއިން އަސްކަރިއްޔާއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި، މަޖިލީހުން އެފަދަ އިންކްއަރީއެއް ހިންގުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެގޮތުން ސަލާމަތީ ޚިދުމަތްތަކާއި މަތިކޮށްފައިވާ ޒިންމާ އަދާކޮށް ޚިދުމަތް ދިނުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް އެފަދަ އިންކްއަރީތަކުން ގެނެވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި އަސްކަރިއްޔާއަށް ބޭނުންވާ ބަޖެޓް ކަމަށް ވާނަމަ، ބަޖެޓުގެ ގޮތުން ފާހަގަކުރެވިގެންވެސް އެހެން ލިބޭނެ ބައިވަރު ކުރިއެރުންތަކެއް މަޖިލީހުގެ ތެރެެއިން ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެނީ." މަޖިލީހުގެ މެމްބަރުކަން ކުރަށްވާފައިވާ މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ، މަޖިލީހުގެ އިންކްއަރީއަށް އެމްއެންޑީއެފުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެހެން ނަމަވެސް ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނާގޮތުން ވަކި ވަކި ސިފައިންނަށް ލިބޭ މައުލޫމާތުތައް ސިފައިންގެ ލީޑަރ ޝިޕަށާއި މިނިސްޓަރާއި ރައީސުލްޖުމުހޫރިއްޔާއަށް ފިޔަވައި އިތުރު ފަރާތަކަށް ހާމަކުރުމަކީ ގާނޫނީ ކުށަކަށް ވެދާނެ ކަމަށާއި، ވަކިވަކި ސިފައިންގެ ބަދަލުގައި މުވައްސަސާއިން މަޖިލީހަށް ޖަވާބުދާރީވުމަށް ނިއްމީ އެހެންވެގެން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

"އެކުދިން (ސިފައިން) އަމިއްލައަށް އެހެން ސިއްރު ޖަހާފައި ރައްޔިތުންގެ މަޖިލީހުން އަންނަ ސިޓީއަކަށް ހާޒިރުވެ އެކުދިން ފަރުދީގޮތުން ޖަވާބުދާރީވުން އެއީ އެކުދިންނަށް ފެންނަގޮތުގައި ގާނޫނީ ކުށަކަށްވެދާނެތީ ސިފައިންގެ ލީޑަރޝިޕުން ބޭނުންވީ އެކުދިންނަށް މިކަމުގައި އަމަލުކުރާނެގޮތުގެ ލަފަޔެއްދޭން. ސިފައިންެގެ ލަފާދޭ މަޖިލީހުން އެގޮތަށް ނިއްމީ." މިހާރު އެންމެ ބޮޑު ބަހުސެއް އުފެދިފައިވާ ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީ ނުވުމަށް ނިންމި ނިންމުން އިތުރަށް ތަފުސީލު ކޮށްދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން