ކޮވިޑްގައި ހާލުބޮޑުވެ، ފަރުވާ ލަސްވެ ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރާ ގުޅޭ މައްސަލައިގައި އެެއްވެސް ވަކީލަކު ހަމަޖައްސައިފައިނުވާނެ ކަމަށް އާއިލާއިން މިރޭ ބުނެފިއެެވެ.

މިޝްކާގެ އާއިލާގެ ފަރާތުން ނެރުނު ނޫސްބަޔާނެެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާއާއި ނޫސްތަކުގައިވެސް ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި މިވަގުތު އާއިލާއިން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށާއި އެއްވެސް ވަކީލެއް ނުވަތަ ލޯފާމެއް ހަމަޖައްސާފައި ނުވާކަމަށް އާއިލާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

"މިއީ އާއިލާއަށް ފޫނުބެއްދޭވަރުގެ ހިތާމައެއް ކުރިމަތިވެފައިވާ ވަގުތެއްކަން ގަބޫލުކޮށް އާއިލާއަށް އިތުރު ހިތްދަތިކަމާ ތުރާލަކަށްވާފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވަރަށް އަދަބުވެރިކަމާއެކު އެދެމެވެ." އާއިލާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިޝްކާގެ މަރުގެ މައްސަލައިގައިި ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ކުއްޖާ ނިޔާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން، ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރުވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށެވެ. އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓްކުރި ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގާކުރެވުނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. މިޝްކާގެ މަރުގެ މައްސަލަ މަޖިލީހުންނާއި އެޗްއާރުސީއެމުންވެސް އަންނަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން