ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވި މައްސަލަ ބޭރުކޮށްލައިފި އެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވީ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެެވެ. އެއީ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ޒަމީލް ސޮއިކުރައްވައި ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މަޖިލީހުގެ އިމްތިޔާޒާ ސުލޫކީ ކޮމިޓީއަށް ފޮނުވުމުން މިއަދު ވަނީ އެކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި ރައީސް ނަޝީދު ހުށައެޅުއްވި ސުލޫކީ މައްސަލަ ބެލުމަށް ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރަކު ވަނީ ހުށައަޅުއްވާފައެވެ. އެހެންނަމަވެސް އެ ހުށައެޅުން ފާސްނުވެ އެމައްސަލަ ވަނީ ކޮމެޓީން ބޭރުވެފައެވެ.

މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނެ ޖުމުހޫރީ ޕާޓީގެ މެމްބަރަކު ހުށައެޅުއްވި ހުށަހެޅުއްވުން ފާސްވެފައިވަނީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. އެ ހުށައެޅުން ފާސްވީ އެމްޑީޕީގެ ހަތަރު މެމްބަރެއް ވޯޓްދެއްވައިގެންނެވެ. މަޖިލީހުން ލައިވްނުކޮށް، ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި 12 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޔާސިރު ލަތީފް މުގައްރިރުކަން ކުރައްވާ އެ ކޮމެޓީގެ ނައިބު މުގައްރިރަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމެވެ.

އެމްއެންޑީއެފުން ފޮނުވި ސިޓީގެ މައްސަލައިގައި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެމައްސަލަ ވަނީ ޕީޖީ އޮފީހަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން