ޒަހީނުއްދީން ސަޢީދު   7 ޖޫން 2021 - 14:44
ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށްބުނެ އޭނާގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން އެމައްސަލަ ކޮމެޓީން ބޭރުކޮށްލުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެެވެ.

ޒަމީލްގެ މައްސަލަ ކޮމެޓީން ބޭރުކޮށްލީ އެމްޑީޕީގެ ހަތަރު މެންބަރަކުވެސް ވޯޓް ދެއްވައިގެންނެވެ. ކޮމެޓީން މައްސަލަ ބޭރުކޮށްލީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކޮމެޓީގައި ތިއްބަވާ އެމްޑީޕީ މެންބަރުންނަށް ގުޅުއްވާ ލޮބީ ކުރައްވައިގެން ކަމަށް ރައީސް ނަޝީދު ފެކްޝަންގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖެއްގައި ބިގޭ ޓެގް ކުރައްވައި ވިދާޅުވެފައިވަނީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ." މަޖިލީހުގެ ނާއިބް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީންކުރާ ކަންކަން ގޯސް ކުރަން ކޮންމެ ފަހަރަކުވެސް ބިގޭ އުޅުއްވަނީ ކީއްވެގެންތޯއޭ ވިދާޅުވެ އީވާ ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ނަޝީދުގެ ހާލަތާމެދު ވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ވަނީ ސުވާލު ކުރައްވާފައެވެ.

އެމެސެޖް ނިންމަވާ ލައްވަމުން އީވާ ވިދާޅުވީ "މާތްކަލާކޯ މީވާ ސަރުކާރެއް،" ކަމަށެވެ.

ބިގޭ އަކީ ރައީސް ސޯލިހް ފެކްޝަން ހިންގުމުގައި އެންމެ އިސްކޮށް މީގެ ކުރިންވެސް އުޅުއްވާ މެންބަރެެއްކަމަށް ރައީސް ނަޝީދު ފެކްޝަނުގެ ބޭފުޅުން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން