ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ، މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށް ކުރީގެ އިސްލާމިކް މިިނިސްޓަރު އަދި އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލާއި ގުޅޭގޮތުން އާންމު ކުރެއްވި ހިޔާލުފުޅެއްގައެވެ. ޤާނޫނުލް އުގޫބާތަށް ސަރުކާރުން ހުށައަޅާފައިވާ މިއިސްލާހާއި ގުޅިގެން އިސްލާމް ދީނުގެ ޢިލްމުވެރިންނާއި ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޝަހީމް ވިދާޅުވީ ނަފުރަތު އުފެއްދުމުގެ ޢަމަލުތަކާއި ދީނަށް ފުރައްސާރަކުރުމާއި ޣީބަ ބުނުމާއި ދޮގު ހެދުމާއި ދޮގު ފެތުރުމާއި ތަފާތުކުރުމާއި އަބުރާ ބެހުމާއި އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކުރުމާއި ނުބައި ލަޤަބުތަކުން ގޮވުމާއި އޮޅުވާލުމާއި ނުޙައްޤުން ލޭ އޮހޮރުވާލުމާއި މިފަދަ ކަންކަން ވަނީ ދީނުގައި ނަހީކުރައްވާފައިވާކަމަށެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީޢާގައި ކަނޑައެޅިގެންވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޟަވާބިޠުތަކާ ޚިލާފަށް އެއްވެސް މުސްލިމަކީ ކާފަރެއްކަމުގައި ބުނުމަކީ އިސްލާމީ ޢަޤީދާއާ ޚިލާފުކަމެއްކަމަށެވެ. އަދި ޝަރުޢީ ގޮތުން އެކަމުގައި ގޮތް ނިންމުންވަނީ ބޭރުފުށަށްކަމަށާއި ހިތްތަކުގައިވާ ކަންކަން ދެނެވޮޑިގެންވާނީ މާތް ﷲ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ނަފުރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ޤާނޫނުލްޢުޤޫބާތަށް ގެންނަން އުޅޭ އިޞްލާޙުގައި ނަފްރަތުގެ ޢަމަލަކީ ކޮބައިކަން ޞަރީޙަކޮށް ބަޔާންކުރަންޖެހޭނެކަމަށެވެ. އަދި އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ އެންމެހާ ފިކުރުތައް ފެތުރުމާއި އެފަދަ ޢަމަލުތައް ހިންގުން ޞަރީޙަކޮށް ޤާނޫނުގައި މަނާކުރެވެން ޖެހޭނެކަމަށާއި އިސްލާމީ މުޖުތަމަޢުތަކުގައި ނަފްރަތުގެ ޢަމަލުގެ ފެށޭ ހިސާބަކީ އެއީކަމަށް ޝަހީމް ވިދާޅުވިއެވެ.

"އިސްލާމީ ޢަޤީދާއާ ދެކޮޅު ބާޠިލު ފިކުރުތަކާއި ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޢަޤީދާގެ އަލީގައި ޢިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދަޢުވަތަކީ ނަފުރަތުގެ ޢަމަލުގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެން ނުވާނެ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ) މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށެވެ. އަދި ޤުރުއާނާއި ސުންނަތުގައިވާގޮތުން އެއީ އިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ރުކުނެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

"ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރެއަށް "ޝަރުޢީ ޟަވާބިޠު" އިތުރު ކުރަންޖެހޭ ކަމަށް ދެކެން. އެހެން ނޫން ނަމަ، ހުޅަހަޅާފައި އޮތް ޞީޣާ އޮތްގޮތުން އިސްލާމީ މުޖުތަމަޢުގައި ޤަސްތުގައި ހިނގާ ދީނާ ޚިލާފު ފިކުރުތައް ހުއްޓުވުމަށް ޤާނުނީ ގޮތުން ހުރަސްތަކެއް މެދުވެރިވެދާނެކަމަށް ފެނޭ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޝަރުޢީ ޟަވާބިޠުތަކުން ބޭރުން މީހުން ކާފިރުކޮށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ ޚިލާފަށް ހިންގޭ އެންމެހާ ހަރުކަށި ވިސްނުންތަކާއި ޢަމަލުތަކަކީ ވެސް ޤާނޫނީ ގޮތުން ހުއްޓުވަންޖެހޭ ކަންކަންކަމަށެވެވެ. އަދި އިސްލާމީ މުޖުތަމަޢެއްގައި ނަފްރަތުގެ ޢަމަލުތައް ހުއްޓުވަން ޤާނޫނެއް ހަދާނަމަ، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ އުޞޫލުތަކާއި ފަލްސަފާތަކުގެ އަލީގައި ޤާނޫނު އެކުލަވާލެވިއްޖެ ނަމަ ޤައުމާއި މުޖުތަމަޢަށް ކުރާނެ ފައިދާ ބޮޑުވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.





ޝަހީމް ވިދާޅުވީ ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަގުކަމަށެވެ. މިގޮތުން އިސްލާމީ ނަޒަރިއްޔާތުގެ އަލީގައި "ވެލިއުސް އެންޑް އެތިކްސް" ތަޢުލީމީ މަންހަޖުގެ ތެެރެއިން އުނގަންނައިދީ އެކަކު އަނެކަކަށް އިޙުތިރާމްކުރާން ދަންނަ ފިކުރީ ގޮތުން ވަޒަންހަމަ ޝަޚުޞިއްޔަތެއް ބިނާކުރަން ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.

"މުޖުތަމަޢުގައި ހުންނަ ފިކުރީ، އިޖުތިމާޢީ ކަންކަން ހައްލުކުރުމުގައި ތަޢުލީމާއި ތަރުބިޔަތުގެ މަގަކީ ކާމިޔާބު މަގު." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމްދީނުގައިވާ ޢުޤޫބާތުގެ ޙުކުމްތަކަށް ވުރެ އަޚުލާޤީ ތަރުބަވީ އިރުޝާދުތަކާއި ސިފަތައް ގިނަވެފައިވަނީ ކުށަށް އަރައިގަންނަން ފަސްޖެހޭ އިންސާނަކު ބިނާކުރުމަށްކަމަށެވެ. އަދި ފިކުރީ މައްސަލަތަކަކީ ހަމަ އެކަނި އަދަބުދީގެން ޙައްލުކުރެވޭނޭ ކަންކަމެެއްނޫންކަމަށާއި ނަމަވެސް އަދަބު ދިނުމަކީ ވެސް އިޞްލާޙީ ފަރުވާގެ ތެރެއިން ހިމެނޭ ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެއީ މުޖުތަމަޢާއި ޤައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން