ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާކަމަށް ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

241 ކޮމިޓީގެ ފަރާތުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީން ކުރިއަށްގެންދާ ތަހުޤީޤަށް ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް، ސަރުކާރުގެ ހުރިހާ އިދާރާއަކުން ލިބެމުންދާކަމަށެވެ.

އަސްލަމް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށެވެ. އަސްލަމް ވިދާޅުވީ މަޖިލީހުން ކުރިއަށްގެންދާ ތަހުޤީޤަށް މިހާތަނަށް އައިއިރު ބައެއް ބޭފުޅުން ހާޒިރުކޮށްފައިވާކަމަށެވެ. އެގޮތުން ޗީފް އޮފް ޑިފެންސް ފޯސް، ކޮމިޝަނަރ އޮފް ޕޮލިސް، މާޅެ ސިޓީގެ ކުރީގެ މޭޔަރ އަދި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވުމަށް މަސައްކަތެއް ނުކުރާކަމަށެވެ. އަދި އެފަދަ ކަމަކަށް ޖާގައެއްވެސް ނުދެއްވާނެކަމަށާއި، ތަހުޤީޤް ފުރިހަމައަށް ކުރިއަށްދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީގެ މުޤައްރިރު ވިދާޅުވީ މުހިއްމުކަމަކީ މަޖިލީހަށް މައުލޫމާތު ލިބުންކަމަށެވެ. އަދި އެގޮތަށް ކަންކަން ހިނގަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހަށް ސިފައިންގެ 40 ވަރަކަށް ބޭފުޅުން ހާޒިރުކުރުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އަސްލަމް ވިދާޅުވީ އެއީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

މަޖިލީޙުން ކުރިއަށްގެންދާ އިންކުއަރީއަށް ސިފައިންނާއި ފުލުހުން ހާޒިރުކުރަމުންދާއިރު، އެމްއެންޑީއެފުން މީގެކުރިން ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން މަޖިލިހާއި ސަރުކާރާއި ދެމެދު ވަނީ ބޮޑު ބަހުސެއްވެސް އުފެދިފައެވެ.



ކޮމިޓީގެ މުޤައްރިރު އަސްލަމް ވިދާޅުވީ ސިފައިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވެފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން