ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއީ ނާއިބްރައީސް އީވާ އަބުދު ﷲ ބޮޑުތަނުން ފެއިލްވެއްޖެ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ކުރީގެ ނާއިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެެވެ.

އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވަނީ، އޭނާ ވޯޓުދިން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އަދި އޭނާގެ މަސައްކަތުން ހޯދައިދިން ވޯޓު ދެން އީވާއަށް ނުލިބޭނެ ކަމަށް ޝުއައިބު ވިދާޅުވިއެވެ.

"މީގެފަހުން އަހަންނާއި، އަހަރެންގެ މަސައްކަތުން މިހާތަނަށް އީވާއަށް ހޯދައިދިން ވޯޓު ދެން އީވާ އަކަށް ނުލިބޭނެ، އަންނި ވެސް އީވާވެސް ބޮޑުތަނުން ފެއިލްވެއްޖެ." ޝުއައިބު ވިދާޅުވިއެވެ.



އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ކުރީގެ ނާއިބު މުގައްރިރު ޝުއައިބު އަލީ ރައީސް މުހަންމަދު ނަޝީދާއި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲގެ އިސްތިއުފާއަށް ގޮވާލައިފައިމިވަނީ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށްބުނެ އޭނާގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން އެމައްސަލަ ކޮމެޓީން ބޭރުކޮށްލުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ހުށައެޅުއްވި އެމައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކުއެެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިގެން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ." މަޖިލީހުގެ ނާއިބް ރައީސް ވިދާޅުވި އެވެ.

ކޮމެޓީން މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކޮމެޓީގައި ތިއްބަވާ އެމްޑީޕީ މެންބަރުންނަށް ގުޅުއްވާ ލޮބީ ކުރައްވައިގެން ކަމަށް ރައީސް ނަޝީދު ފެކްޝަންގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީންކުރާ ކަންކަން ގޯސް ކުރަން ކޮންމެ ފަހަރަކުވެސް ބިގޭ އުޅުއްވަނީ ކީއްވެގެންތޯއޭ ވިދާޅުވެ އީވާ ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ނަޝީދުގެ ހާލަތާމެދު ވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ވަނީ ސުވާލު ކުރައްވާފައެވެ.

އެމެސެޖް ނިންމަވާ ލައްވަމުން އީވާ ވިދާޅުވީ "މާތްކަލާކޯ މީވާ ސަރުކާރެއް." ކަމަށެވެ.

ޝުއައިބު ފަހަކަށް އައިސް ގެންދަވަނީ ސަރުކާރާއި ޕާޓީގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ތުހުމަތުތައް ވެސް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން