އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިރޭ ބޭއްވި އިންތިހާބު ރާއްޖެއަށް ކާމިޔާބުވުމުން ދޭހަވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ޒައާމަތުގައި މުޅިދުނިޔެ ރާއްޖެ ބަލައިގެންފައިވާ މިންވަރު ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޖަލްސާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ދިވެހިބަހުން ވާހަކަފުޅު ދައްކަވަމުން އަބުދުﷲ ޝާހިދު ވަނީ އިންތިޚާބުގައި ރާއްޖެއަށް ތާއީދުކުރި ގައުމުތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އެހާ ގިނަ ގައުމުތަކުގެ ތާއީދު އޭނާއަށް، ރާއްޖެއަށް ލިބުމުން ދޭހަވަނީ، ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެ ބަލައިގެންފައިވާ މިންވަރު ކަމަށެވެ. ޝާހިދު ވަނީ ރައީސް ސޯލިހުގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

"މިއަދު ދުނިޔޭގެ ހުރިހާ ގައުމުތަކެއް އިތުބާރާއި ތާއިދު ރާއްޖެއަށް ލިބިގެންދިޔުމުން ސާބިތުވެގެންމިދިޔައީ މުޅި ދުނިޔެ ރާއްޖެ ބަލައިގެންފައިވާކަން. ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހުގެ ޒައާމަތަށް މުޅި ދުނިޔެ ތަރުހީބު ދެމުންދާކަން. ރައީސް ސޯލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ގަބޫލުކޮށްފައިވާކަން." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ތަގުރީރުގައި އިންސާނީ ކާރިސާތަކުގެ ގޮތުންނާއި، އިޤްތިސާދީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ކޮވިޑު-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށާއި، ވެކްސިނޭޝަން ޕްރޮގްރާމްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި 76 ވަނަ މަޖިލީހަކީ ގިނަ ކާމިޔާބީތަކެއް ހޯދޭނެ މަޖިލީހަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނުވަނީ ދެއްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، މިންތީގެ ހަމަހަމަކަމާއި، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި ޒިންމާދާރު، ޒިންމާ ކުރުވޭ މަޖިލީހަކަށް 76 ވަނަ މަޖިލިސް ހައްދަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސުންގެ އިންތިޚާބު އޮންނަނީ ރޮޓޭޝަން އުސޫލުންނެވެ. މިފަހަރު އޭޝިއާ ޕެސިފިކް ގައުމުތަކަށް ފުރުސަތު ލިބިފައިވާއިރު މި ސަރަހައްދުން މީގެ ކުރިން އިންޑިއާ، ސްރީލަންކާ، އަދި ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން