އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިހެން ވިދާޅުވީ އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރ ޝާހިދު ހޮވިވަޑައިގަތުމާގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓުވީޓެއްގައެވެ. ފޮރިން މިނިސްޓަރ ޝާހިދު މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލާއި ވާދަކުރައްވާ، ވަރަށް ބޮޑު ތަފާތަކުންނެވެ. އދ.ގެ ޢާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ޤައުމުން ބައިވެރިވި މި އިންތިޚާބުގައި މިނިސްޓަރ ޝާހިދަށް 143 ވޯޓް ވަނީ ލިބިވަޑައިގެންފައެވެ.



މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. މި ކާމިިޔާބީ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވީ މިއީ ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށެވެ. އަދި މިނިސްޓަރ ޝާހިދުގެ ޤާބިލުކަމާއި ހިންގުންތެރިކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އދ.ގެ ޢާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން