ގައުމުގެ ކަންކަމާއި ގުޅޭގޮތުން އިލްމީ ބޭފުޅުން ދެއްވާ ޚިޔާލުތައް ބަލައިނުގަތުމަކީ އެ ޚިޔާލު ދެއްވާ ބޭފުޅަކު ގޯސްވާންޖެހޭ ސަބަބެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު މިހެން ވިދާޅުވީ، އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމާއި ގުޅޭގޮތުން ޕްރޮފެސަރ ހަސަން އުގެއިލް ފާޅުކުރެއްވި ޚިޔާލުފުޅަކާއި ގުޅިގެން އޭނާއަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ އެކަމާ ބެހޭގޮތުން "ރަސްއޮންލައިން" ގައި ޝާއިއު ކުރި ލިއުމަކަށް އިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްގައެެވެ. އިސްލާމިކް ޔުނިވަސިޓީ ކުރީގެ ޗާންސެލަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގެ އެފަދަ އިލްމީ ބޭފުޅުންނަކީ ގައުމު އެބޭފުޅުންނާއި މެދު ފަޚުރުވެރިވާންޖެހޭ ބައެއް ކަމަށެވެ. ގައުމުގެ އެކި ކަންކަމާއި ގުޅޭގޮތުން އިލްމީ ބޭފުޅުން ފާޅުކުރައްވާ ޚިޔާލުފުޅުތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"އެ ޚިޔާލުތަކުގެ ތެރޭގައި ހުންނާނެ ބަލައިގަނެވޭނެ ކަންކަމާއި އެ ނޫންކަންކަން. އޭގެ މާނައަކީ މީހާ ގޯސްވުމެއް ނޫން." ދީނީ ޢިލްމްވެރިޔާ ޑރ. ޝަހީމް ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމާ ގުޅޭ ގޮތުން މީސް މީޑިއާގެ އިތުރުން އުގައިލް ވަނީ އެކަމާ ގުޅިގެން ބޭއްވި އޮންލައިން ޕެނަލެއްގައި ވެސް ޚިޔާލުފާޅު ކުރަށްވާފައެވެ. އެގޮތުން އުގައިލް ވަނީ އެފަދަ ކޮންސިއުލޭޓެއް ގާއިމްކޮށްގެން އައްޑޫއަށް ލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ ތަރައްގީއާއި މެދު ސުވާލު އުފައްދަވައި އެކަމުގެ އަސްލު މަގުސަދާއި ބެހޭގޮތުން ވެސް ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އިސް ބައެއް ފަރާތްތަކުން ގެންދަވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމަށް ތާއީދު ކުރަށްވައި އެއީ އެއަތޮޅަށް ބޮޑެތި ފައިދާ ތަކެއް ލިބޭނެ ކަމެއްކަން ފާހަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން