މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތެރޭގައި އޮންނަ ފަރުކޮޅުފުއްޓަކީ މާލޭގެ އިޙުތިސާސުގެ ތެރޭގައި ހިމެނޭ ތަނެއްކަމަށެވެ. އަދި ކައުންސިލްގެ އިއްތިފާގުން ފަރުކޮޅުފުއްޓަކީ އިވެންޓްތައް ބޭއްވުމާއި މާލޭގެ ރައްޔިތުން ދަތުރުދާ ތަނެއްގެ ގޮތުގައި ހެދުމަށް ފާސްކޮށްފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރަސްމީ ލިޔެކިޔުންތަކުގައިވެސް ފަރުކޮޅުފުއްޓަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި ހިމަނާފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ބިންތައް ބޭނުންކުރާނީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެހެންކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ފަރުކޮޅުފުށި އޮތްނަމަވެސް، ޤާނޫނު ބުނާގޮތުން ހުޅުމާލޭގައި ބިމުގައި ކުރާ ކަންކަމުގައި ކައުންސިލްގެ ޙިއްސާ އޮންނަންޖެހޭކަމަށެވެ.

ނަމަވެސް މިކަމާއި ގުޅިގެން އެޗްޑީސީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މާލޭ ސަރަޙައްދުގެ ރައްޔިތުން ދަތުރުދާނެ ރަށެއް ކަނޑައަޅައިދޭނެކަމަށް މި ސަރުކާރުން ބުންޏަސް މިހާތަނަށް އެމަސައްކަތް ފުރިހަމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ދަތުރުދާނެ ރަށެއް ނެތުމަކީ މާލޭގެ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން