އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީސް ހުޅުވުމުގެ ކުރިން އެކަމާ ގުޅިގެން އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ރޭ އައްޑޫ ސިޓީ ކައުންސިލަށް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ އޮންލައިން މީޑީއާ އަކުން ރޭ ގެނެސްދިން ޕްރޮގުރާމެެއްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަކީ ސިޓީކައުންސިލަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ އައްޑޫގެ ރައްޔިތުންގެ ދިރިއުޅުމާއި އަދި މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހުރިގޮތެެއް ބެލުމަކީ ލާމަރުކަޒީ ގާނޫނުގައިވާގޮތުން ސިޓީކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.



"އެއީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ކައުންސިލަށް ނިންމޭނެ ކަމެއް ނޫން. އެކަންތައްތަކަކީ އައްޑޫގެ ލޮބުވެތި ރައްޔިތުންނާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާކަމެއް. އައްޑޫ ސިޓީގެ ރައްޔިތުންވެސް ބޭނުންވާނެ އެބޭފުޅުންގެ ސިޓީ އަންނާން އޮތް ޖީލަށް ފޯރުކޮށްދޭން. އެއިން ކޮންމެ ބޭފުޅެއް ވެސް ބޭނުންވާނެ. އެހެން ނަމަވެސް އެ ބިރުވެރިކަމުގެ ތެރޭގައި ތިބިކަން އަޅުގަނޑުމެންނަށް އެބައެގޭ. ރައްޔިތުންގެ ތާއިދާއި ރުހުން އެކަމަށް އޮތްތޯ ބެލުން ލާމަރުކަޒީ ގާނޫނުން އެކަން އެބަ މަޖުބޫރުކުރޭ. އެބޭފުޅުން އެކަން ކުރަން އަވަސްވެގަތުމަށް އަޅުގަނޑު ގޮވާލަން." ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަަކަ ދައްކަވަމުން ޝިޔާމް ވަނީ ހދ. ހަނިމާދޫން ބޭރުގެ ބަޔަކަށް ބޮޑު ބިމެއް ދޫކުރަން ނިންމާފައިވާކަން ފާހަގަ ކުރަށްވައި އެބިން ދޫކުރުކުރުމުގެ ކުރިން އެކަމުގައި ވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގޮވާލައްވާފައެވެ. އޭނާ ވަނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ނޫނީ އެކަން ނުކުރުމަށް ގޮވާލައްވާފައެވެ.

"ރައްޔިތުންގެ ރުހުން ހޯދުމަށްޓަކައި ރައްޔިތުންނާއި އެކީގައި އާންމުކޮށް ބާއްވާ ބައްދަލުވުންތައް ބާއްވައިގެން ރައްޔިތުންގެ ޚިޔާލު އެކަމުގައި ހުރިގޮތެއް ބަލަންޖެހޭ، ރައްޔިތުން ދިރިއުޅެން އޮތް ބިން އެހެން ބޭނުމަކަށް މިދެވެނީ. ބިމޭ ދެންނެވިއަސް ބޮޑު ބިމެއްގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ." ހަނިމާދޫން ވަރަށް ބޮޑު ބިމެއް ބޭރުގެ ބަޔަކަށް ދޭން ނިންމާފައިވާ މައްސަލައިގައި މިހާތަނަށް ކަންބޮޑުވުން ފާޅުކުރަށްވާފައިވާ ޝިޔާމު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން