ރާއްޖޭގެ ހުރިހާ ކަމެއް ސިޔާސީ އަރާރުމަކަށް ނުހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު، ރީކޯ މޫސަ ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވަނީ މަޖިލީހުގެ ކޯޅުމުގެ އިތުރުން ސިޔާސީ ބޮޑެތި ޚިޔާލު ތަފާތުވުންތައް އޮތް ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވުމާއި ގުޅޭގޮތުން ދައްކާ ވާހަކަ އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށް މޫސަ ވިދާޅުވިއެވެ. މަޖިލީހުގައި އެމްޑީޕީގެ ކޯޅުން ފެނިވަޑައިގަންނަވާ ކަމަށްވެސް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސަ ވިދާޅުވިއެވެ.

ގުޅީފަޅުގައި ޕޯޓް އެޅުމާއި ދެކޮޅަށް އެމައްސަލަ ކޯޓަށް ހުށައެޅުމަށް މާލޭ ސިޓީ ކައުންސިލުން ނިއްމައިފައިވާތީ، އެކަން ނުކުރުމަށް ވެސް މޫސަ ވަނީ ގޮވާލައްވާފައެވެ.

"ސަރުކާރަށް ޕްރެޝަރު ކުރުމަށް މާލޭގެ ރައްޔިތުންގެ ފަރާތުން ސަރުކާރާއި ދެކޮޅަށް ދައުވާ ކުރަން ނުނިކުންނަވާ. ގުޅީފަޅުގައި ޕޯޓް އަޅަން ބޭނުން އެކަމަށް އަޑުއުފުލާނަން." ހައްދުންމަތީ މެމްބަރުކަން ވެސް ކުރެއްވި ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުތައް ހިނގަމުންދާ ދަނޑިވަޅެއްގައި އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހި، ދެ ފަރާތުން ބަހުގެ ހަމަލާތައް ދެމުން ގެންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ، އެމައްސަލައިގެ ވަށައިގެން ހުރި ކަންކަމާއި އެކި ދިމަދިމާލަށް ސަމާލުކަން ގެންގޮސް މުޅި މައްސަލައިގެ އަސްލު މިހާރު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"މިއީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ދާންވީ ވަގުތެއްނޫން. ރާއްޖޭގައި އެބަހުރި އެއަށް ވުރެ މާ ބޮޑެތި ކަންކަން ހައްލު ކުރަން. އަޅުގަނޑުގެ އެދުމަކީ އެކަމަށް އަމާޒު ހިފައިގެން ކުރިޔަށް ވަޑައިގަތުން." ރައީސް ވިދާޅުވި އެވެ.

އައްޑޫގައި ކޮންސިއުލޭޓް އެޅުން "ސިޔާސީވެ" އެކަމާއި ދެކޮޅަށްވެސް ގިނަ ބަޔަކު ވަނީ އަޑުއުފުލަން ފަށާފައެވެ. މީގެ އިތުރުން އިދިކޮޅު ޕީޕިއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީކައުންސިލާއި ސަރުކާރާއި ދެމެދު ބައެއް ކަންކަމުގައި ވަނީ ބޮޑެތި ޚިޔާލުތަފާތުން ތަކެއް އުފެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން