ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރުކުރަން ފަށައިފިއެވެ.

މަޖިލީހުގެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ފަށާފައި މިވަނީ، މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާނޭކަމަށް އެމްއެންޑީއެފުން އަންގާފައި ވަނިކޮށެވެ. މީގެކުރިން އެމްއެންޑީއެފުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަކިވަކި ސިފައިން ހާޒިރުވުމަކީ ގާނޫނާ ޚިލާފު ކަމަކަށްވާތީ ސިފައިންގެ ފަރާތުން މަޖިލީހަށް ޖަވާބުދާރީ ވާނީ މުޅި މުއައްސަސާގެ ފަރާތުން ކަމަށެވެ.

މަޖިލީހުގެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ފަށާފައިވާއިރު، ރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމަށްވެސް ވަނީ ސިފައިންގެ ބޭކަލަކު ހާޒިރުކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.



މީގެކުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޝަމާލުވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި ސިފައިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޝަމާލު ވިދާޅުވިކަމަށް 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.



ސިފައިންގެ އިތުރުން ފުލުހުންވެސް މަޖިލީހުގެ އިންކުއަރީއަށް ދަނީ ހާޒިރުކުރަމުންނެވެ. އަދި ކޮމިޓީއަށް ވަކިވަކި ފުލުހުން ހާޒިރުވާނޭކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ކުރުމާއިމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެމްޑީޕީގެ ތެރޭގައި ދެބަސްވުން އުފެދި ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާކަން ވެސް ފާހަގަވެގެން ދިޔައެވެ. މި ދެފެކްޝަންގެ މެދުގައި ހިނގާދިޔަ ދެބަސްވުމުގެ ތެރޭގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ވެސް ބޮޑެތި ތުހުމަތު ތަކެއް ކުރަށްވާފައެވެ. އެގޮތުން ކޮމިޓީގެ އިންކްއަރީއަށް ރައީސް ޞާލިޙު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން