ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާ ގުޅުވައިގެން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެއްކެވިކަމަށް ބުނާ ވާހަކަ ފަތުރަމުންދަނީ ވާހަކައިގެ މަފްހޫމް އޮޅުވާލައިގެންކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ބުނެފިއެވެ.

އެމްޑީއޭއިން ނެރުނު ބަޔާނެއްގައި، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެއްކެވި ވާހަކައަކާއި، ގުޅިގެން އެ ވާހަކައިގެ މުޅި މަފްހޫމް އޮޅުވާލައި، ތަފާތު އެކި މަންސަތަކުގައި ޕާޓީގެ ލީޑަރާއި، މެދު ނަފްރަތު އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ. އަދި އެމްޑީއޭގެ ލީޑަރު ސިޔާމަކީ އެއްވެސް އިރެއްގައި މީހަކަށް އަނިޔާވެރިވުމަށް ގޮވާލާނެ، އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުމަށް އެދޭނެ މީހެއް ނޫންކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާކަމަށްވެސް އެމްޑީއޭގެ ބަޔާނުގައިވެއެވެ.



ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި މެމްބަރުން ދައްކަވާ ވާހަކަތަކާއި ގުޅިގެން ޖިނާއީ ތަހުޤީޤް ހިންގުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަމުގައިވެސް އެމްޑީއޭގެ ބަޔާނުގައިވެއެވެ. އެހެންކަމުން ޕާޓީގެ ލީޑަރ އަހުމަދު ސިޔާމް މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއްގެ މަފްހޫމް އޮޅުވާލައި، އެކަން ތަހުޤީޤްކުރުމަށް ފުލުހުންނާއި ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމަކީ އެ ޕާޓީން ބަލައި ނުގަންނަކަމުގައިވެސް ބަޔާނުގައިވެއެވެ.

އެމްޑީއޭއިން މި ބަޔާން ނެރެފައި މިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން "ދަންޖައްސަންޖެހޭ'" ކަމަށް، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވިދާޅުވާ އޯޑިއޯއެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅާފައިވަނިކޮށެވެ.

އިއްޔެގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ސިޔާމްގެ މައްސަލަ ހިސާން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ. އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަން ކުށްވެރިކުރަށްވާ ކަމަށް އަފީފު ވިދާޅުވިއެވެ. އެ މައްސަލަ ބަލައި ދިނުމަށް އެދި، ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އަދި އެމައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށްވެސް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ބައިވެރިވެވަޑައިގެންނެވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީން ނުކުމެވަޑައިގެން ބޭރުގައި ތިއްބެވި މެންބަރުންނާ ވާހަކަ ދައްކަވަމުން ހިސާން "ދަންޖައްސަންޖެހޭ" ކަމަށާއި، "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށް ސިޔާމް އެ އޯޑިއޯގައި ވިދާޅުވެއެވެ. ފަހުން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ސިޔާމް ވިދާޅުވީ ހިސާނާ ދެމެދު ކުރި ޒުވާބުގެ ތެރެއިން އެކަހަލަ އެއްޗެއް ވިދާޅުވެވިފައި އޮވެދާނެކަމަށެވެ. ނަމަވެސް އޭނާ މާނަ ކުރެއްވީ އެގޮތަށް ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން