މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށާއި އެރަށަކީ މާލެސިޓީ ކައުންސިލާބެހޭ ތަނެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވެފައި މިވަނީ މާލޭގެ ރައްޔިތުން ދަތުރުދިއުމަށް ޚާއްސަ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ. މުއިއްޒުގެ ވާހަކައިގައި ފަރުކޮޅުފުށްޓާއި އަދި ހުޅުމާލޭގެ ބިމަކީ މާލެ ސިޓީކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކަމުގައި ވިދާޅި ވިދާޅުވުމަށް ރައީސް ޞާލިހު ވަނީ ރައްދު ދެއްވާފައެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ކަނޑައެޅުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން އެމަނިކުފާނާ މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ފަރާތެއްގެ ސަމާލުކަމަށް އެކަން ގެނެސްފައި ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގެ ބިމަކީ އެޗްޑީސީއަށް ހިބަކޮށްދީ އެ ކޯޕަރޭޝަނަށް މިލްކުކޮށްދީފައި އޮތް ބިމެއްކަމަށެވެ. އަދި ފަރުކޮޅު ފުށްޓަކީ އެބިމުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށާއި އެތަނާމެދު އަމަލު ކުރާނެ ގޮތާއި ޕްލޭން އޮތީ އެޗްޑީސީން ރާވައި ނިންމާފައިކަމަށާއި އެއަށް ބަދަލެއް ގެންނަ ކަމަށް ވަންޏާ އެޗްޑީސީއާއި ސަރުކާރާ ވެސް މަޝްވަރާ ކުރަން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ރަށެއް ކަނޑައެޅުމުގެ މަސައްކަތް ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތް ނަމަވެސް ރަށެއް އެކަމަށް ރަށެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތެރޭގައި އޮންނަ ފަރުކޮޅުފުއްޓަކީ މާލޭގެ އިޙުތިސާސުގެ ތެރޭގައި ހިމެނޭ ތަނެއްކަމަށެވެ. އަދި ކައުންސިލްގެ އިއްތިފާގުން ފަރުކޮޅުފުއްޓަކީ އިވެންޓްތައް ބޭއްވުމާއި މާލޭގެ ރައްޔިތުން ދަތުރުދާ ތަނެއްގެ ގޮތުގައި ހެދުމަށް ފާސްކޮށްފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރަސްމީ ލިޔެކިޔުންތަކުގައިވެސް ފަރުކޮޅުފުއްޓަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި ހިމަނާފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ބިންތައް ބޭނުންކުރާނީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެހެންކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ފަރުކޮޅުފުށި އޮތްނަމަވެސް، ޤާނޫނު ބުނާގޮތުން ހުޅުމާލޭގެ ބިމުގައި ކުރާ ކަންކަމުގައި ކައުންސިލްގެ ޙިއްސާ އޮންނަންޖެހޭކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އެޗްޑީސީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މާލޭ ސަރަޙައްދުގެ ރައްޔިތުން ދަތުރުދާނެ ރަށެއް ކަނޑައަޅައިދޭނެކަމަށް މި ސަރުކާރުން ބުންޏަސް މިހާތަނަށް އެމަސައްކަތް ފުރިހަމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެނބޫދޫ ފަޅުގައި ތަރައްގީކުރި ރަށްތަކުގެ ތެރެއިން ރަށެއް މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ބޭނުން ކުރަން ހަމަޖެސުމާމެދު ވާހަކަތަކެއް ވަނީ ދެކެވިފައެވެ. އެކަން އެއްވެސް ވަރަކަށް ކުރިއަށްދިޔަ ކަމެއް ނޫނީ ދިޔަ މިންވަރެއް ފަހުން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މާލޭގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ކުރިން ހަމަޖައްސާފައި އޮތް ކުޑަބަނޑޮސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދިން ފަހުން މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ނެތުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އަދި އެފަދަ ރަށެއް ކަނޑައެޅުމަކީ ރައީސް ޞާލިޙުގެ ސަރުކާރުގެ ވަޢުދެއްވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން