ރާއްޖޭގައި ކޯވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ސިންގަޕޫރާއި އަޅާބަލާއިރު ރަނގަޅުކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި އިއްޔެ ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކޯވިޑް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އެހެން ޤައުމުތަކާއި އަޅާބަލާއިރު ގޯސްކަމަށް ދެންނެވެން ނެތްކަމަށެވެ.

"ކޯވިޑްގައި ފެއިލްނުވާކަމަށް މި ދެންނެވީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު އަޅުގަނޑުމެންނަށް ދެވޭ ހިދުމަތްތައް އެހާ ގޯސްކަމަކަށް ނުދެންނެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިބަލީގައި އެއްވެސް މީހަކު މަރުވުމަކީ ބޭނުންވާ ގޮތެއް ނޫންކަމަށާއި، އެއީ ވަރަށް ބޮޑު ހިތާމައެއްކަމަށެވެ. ނަމަވެސް ރާއްޖޭގައި މަރުވާ މީހުންގެ އަދަދު އުޅެނީ ސިންގަޕޫރުފަދަ ޤައުމުތަކާއި އަޅާބަލާއިރު ރަނގަޅު މިންވަރެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.



"އެހެން ޤައުމުތަކާއި އަޅާބަލާއިރުގައި އެއަދަދުވެސް މިއުޅެނީ، ގޯސް އަދަދެއް ނޫން. ސިންގަޕޫރު ފަދަ ޤައުމުތަކާއި އެއްވަރެއްގައި ހިފެހެއްޓިފައި ހުރީ" ރައީސް ވިދާޅުވިއެވެ.



ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވާ މީހުންގެ އަދަދު ސިންގަޕޫރާއި ބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއިރު، އެއީ މުޅިން ތެދު މައުލޫމާތެއް ނޫނެވެ. މިގޮތުން 5 ލައްކައެއްހާ މީހުން އުޅޭ ރާއްޖެއިން 68872 މީހުންނަށް ކޯވިޑް ޖެހުނުއިރު މަރުވި މީހުންގެ އަދަދު 200 އާ ގާތްކުރަނީއެވެ. ނަމަވެސް ރައީސް އަޅާކިޔުއްވި ސިންގަޕޫރުގައި 5 މިލިއަނަށްވުރެ ގިނަ މީހުން އުޅޭއިރު، އެޤައުމުން ޕޮޒިޓިވްވީ 62210 މީހުންނެވެ. މިއީ ރާއްޖެއާ ސިންގަޕޫރުގެ އާބާދީގެ ނިސްބަތުން އަޅާނުކިޔޭވަރުގެ ތަފާތު އަދަދެކެވެ. ކޯވިޑްގައި ސިންގަޕޫރުން މަރުވީ 33 މީހުންނެވެ. މިއީވެސް ރާއްޖެއާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށް އަދަދެކެވެ.

އެހެންކަމުން ރާއްޖޭގައި ކޯވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އުޅެނީ ސިންގަޕޫރުފަދަ ޤައުމުތަކާއި އަޅާބަލާއިރު ރަނގަޅު މިންވަރެއްގައިކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ މުޅިން ތެދުު މައުލޫމާތުގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަފުޅެއް ނޫންކަން ގިނަބަޔަކު ފާހަގަކުރެއެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސް ޞާލިހުއަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން