މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ބާއްވާ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބާއްވާ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަން އަންގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވަނީ ކައުންސިލަރުންނަށް 14 ދުވަހުގެ ނޯޓިސް، ދީފައެވެ.

އެލްޖީއޭއިން ކައުންސިލްތަކަށް އަންގާފައިވަނީ މި މަހުގެ 20 ގެ ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރާއި ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުންގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ރައީސުންނާއި ނައިބުން އިންތިހާބު ކުރުމަށެވެ.

ކައުންސިލަރުން ހުވާ ކުރުމަށްފަހު ފުރަތަމަ ބާއްވާ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްގެ ނައިބުން އިންތިހާބު ކުރި ނަމަވެސް، މިފަހަރު އެކަންކަން ނުވެ އޮތީ ކޯވިޑްގެ ސަބަބުން، ޖަލްސާތަކަށް ކައުންސިލަރުންނަށް ހާޒިރުނުވެވޭތީއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރަނީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި މާލެ ސިޓީގެ ކައުންސިލްގެ މެޖޯރިޓީ މިހާރު އޮތް ގޮތުން އެ މަޤާމަކީ ޕީޕީއެމް/ޕީއެންސީއަށް ލިބޭނެ މަޤާމެއްކަން ކަށަވަރުވެއެވެ. ނަމަވެސް ސުވާލު އުފެދިގެން އުޅެނީ އެމަޤާމަށް ޕީޕީއެމް/ޕީއެންސީން ހުށަހަޅާނެ ނަމަކާއިމެދުއެވެ.

ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރާއި ހުޅުމާލެ ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް ހިމެނެއެވެ.

ޕީޕީއެމުން ބުނީ ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމަށް ހުށަހަޅާނެ ނަމެއް ފާސްކުރާނީ ކައުންސިލް މެމްބަރުންގެ މެދުގައި މަޝްވަރާކޮށްގެންކަމަށެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އައްޔަންކުރުން މިމަހުގެ 21 ވަނަ ދުވަހަށް އެޖެންޑާކޮށްފައިވާއިރު، އެހެން ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުން ވަނީ އިންތިޚާބުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން