ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ޢާންމުކުރުމުގައި ވަރަށް ގިނަ ކަންކަމަށް ރިޔާޢަތްކުރާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ކުށްކުރާ މީހުންގެ ވަނަވަރު އާއްމުކުރުމުގައި ގެންގުޅޭ އުސޫލާއި ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ދެންނެވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތު ނުކުރާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވަނަވަރު އާއްމުކުރާއިރު ގިނަ ކަންތައްތަކަކަށް ބަލާކަމަށެވެ. އެގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގެ ޠަބީއަތާއި ކުށުގެ ކުޑަބޮޑުމިނާއެކު ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއާއި އެމީހަކީ ތަކުރާރުކޮށް ކުށްކުރާ ރެކޯޑު އޮތް މީހެއްތޯއާއި، އެކުށުގެ ޢަމަލަކާއި ޖުމްލަކޮށް މުޅި މުޖުތަމައުގެ މަސްލަހަތު ގުޅިފައި އޮތް މިންވަރުފަދަ ކަންކަން އޭގެތެރޭގައި ހިމެނޭކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން ވަނަވަރު އާއްމުކުރުމުގައި ތަހުގީގަށް ހުރަސް ނޭޅޭގޮތަށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ބަލާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މީކާއީލްގެ ސުވާލުތަކުގެ ތެރޭގައި މިއަހަރުގެ މެއި 1 ވަނަ ދުވަހު ރަސްފަންނުގައި ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ޢަމަލުކުރިގޮތާއި ގުޅޭ ސުވާލުވެސް ހިމެނެއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ރަސްފަންނުގައި ބޭއްވި އެއްވުން ކޮންޓްރޯލްކުރުުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާއި ގުޅޭ މައްސަލައިގެ ތަހުގީގު ނިންމާ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައާމެދު ގޮތްނިންމުމުގެ މަރުހަލާގައި އޮތްކަަމަށެވެ. އެ އެއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނިފޯމް ހުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް ސާރވިސް ނަންބަރު ފެންނަގޮތަށްކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން