ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ބުނުމަށްފަހު އެނިންމުން ބަދަލުކޮށް މިހާރު ވަކިވަކި ސިފައިންވެސް ކޮމިޓީއަށް ޖަވާބުދާރީ ވާންފެށުމުން، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް ފާޑުވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވަނީ ކޮންމެ ކަމެެއްގައި ހަނގުރާމައަކަށް ދާންޖެހޭތޯ ވިދާޅުވެ މާރިޔާއަށް ފާޑުވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ ރައީސް ނަޝީދުވެސް ބޭނުންފުޅުވީ މަޖިލީހުގެ ކޮމިޓީއަށް އެމަނިކުފާނުގެ ބޮޑީގާޑުން ހާޒިރުކުރުމަށް ކަމަށާއި، އެހެންކަމުން މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ކުރުމާ ދެކޮޅަށް މިނިސްޓަރު މާރިޔާ ދެއްކެވީ ކޮންވާހަކަތަކެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ނާޒިމް މީގެ ކުރިން ވަނީ މިނިސްޓަރު މާރިޔާ މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާވެސް އަދި ސަރުކާރުންވެސް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތް ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުވުމަށް މަޖިލީހުން އެންގި ނަމަވެސް ވަކިވަކި ސިފައިން ހާޒިރުވުމާ ދޭތެރޭ ސިފައިންގެ ކަންބޮޑުވުން ހުރިކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެކަން ދިފާއު ކުރައްވާފައެވެ. އަދި ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނާގޮތުން ސިފައިންނަަށް ލިބޭ މައުލޫމާތު ގާނޫނޫގައި ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް ހާމަކުރުމަކީ ގާނޫނީ ކުށަކަށް ވެދާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުވުމުގެ ބަދަލުގައި މަޖިލީހަށް ޖަވާބުދާރީ ވާނީ އެ މުއައްސަސާއިން ކަމަށް ބުނުމުން ރައީސް ނަޝީދުވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި މަޖިލީހުން ހިންގާ އިންކުއަރީއަށް ރައީސް ޞާލިހު ހުރަސް އަޅުއްވާ ކަމަށްވެސް އެމަނިކުފާނު ވަނީ ތުހުމަތު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން