މާލެ ސިޓީ ކައުންސިލް ބައްދަލުވުންތައް ލައިވްކުރާނެކަމަށާއި އަދި ކައުންސިލަރުންގެ މާލީ ބަޔާންވެސް ރައްޔިތުންނަށް ފެންނާނެހެން އާއްމުކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލް ބައްދަލުވުންތައް ލައިވްކުރަން އަދި ކައުންސިލަރުންގެ މާލީ ބަޔާން ރައްޔިތުންނަށް ފެންނާނެހެން އާއްމުކުރަން އެމްޑީޕީގެ ކައުންސިލަރުން ހުށަހެޅި ހުށަހެޅުން ފާސްކޮށްފައިނުވާކަމަށް އެމްޑީޕީގެ ކައުންސިލަރަކު ވިދާޅުވުމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޖަލްސާތައް ލައިވް ކުރަން ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާކަމަށެވެ. އެގޮތުން ޖަލްސާތައް ލައިވް ކުރުމަށް އޮފީހުގެ އައިޓީ އިންތިޒާމްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މުއިއްޒު ވިދާޅުވިއެވެ.





މުއިއްޒު ވިދާޅުވީ ޖަލްސާތައް ލައިވް ކުރުމުގެ އިތުރުން، ހުރިހާ ކައުންސިލަރުންގެ މާލީ ތަފްސީލުތައް ވެބްސައިޓްގައި އާއްމުކޮށް ފެންނާނެހެން ޝާއިއުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.



މާލެ ސިޓީ ކައުންސިލުގެ މަސައްކަތާއި އަލަށް ހަވާލުވި ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލުން ދަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން މާލެ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތުގައި ކައުންސިލުން އަވަދިނެތި އުޅޭ މަންޒަރު ފެނެއެވެ. ވަރަށް ގިނަގިނައިން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވައި މައުލޫމާތުތައް ހާމަކުރަށްވަމުން ގެންދަވާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ނަމަވެސް މުއިއްޒުގެ ހަތް އަހަރުގެ ހައުސިންގ މިނިސްޓަރ ކަމުގައި ހިންގަވާފައިވާ ބައެއް ކަންކަން ވަރަށް ބޮޑަށް ހަދުމަނެތިގެން އުޅުއްވާހެން ހީވާ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެންމެ ފަހުން އެފަދަ ކަމަކަށް ފާހަގަ ކުރެވުނީ ފަރުކޮޅުފުށްޓާއެކު ހުޅުމާލެ ދެވަނަ ފޭސްގެ ބިން އެޗްޑީސީއަށް ހިބަކޮށްދީފައިވާކަން ހަނދުމަ ނެތިގެން އެތަނާމެދު އެހެން ގޮތަކަށް ވާހަކަ ދެއްކެވުމެވެ.

މިހާރު ވިދާޅުވަނީ އެއީ މާލެ ސިޓީ ކައުންސިލްގެ ވެސް އިހުތިސާސް ހިނގާ ތަނެއް ކަމަށެވެ. އެޗްޑީސީން މިހާރު ވަނީ މުއިއްޒުގެ ހަނދާން އަލުން އާކޮށްދީ، ފަރުކޮޅުފުށި ކިޔާ ރަށެއް މިހާރު ނޯންނާނެކަމަށާއި އަދި ހުޅުމާލެ ދެވަނަ ފޭސްގެ ބިމަކީ އެޗްޑީގެ މިލްކެއްކަން ވެސް ހަނދާން ކޮށްދީފައެވެ. ނަމަވެސް އެކަންކަން ހިނގާފައިވާ ގޮތް ހަނދާން ވެއްޖެ ކަމަކަށް މުޢިއްޒު އަދި ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން