ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ހިއްކި ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުކޮށްދިނީ ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ، ހުޅުމާލޭގެ ބިމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ދެބަސްވުމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުށި ހިންގި ސަރަހައްދަކީ މާލޭގެ ރައްޔިތުން ދަތުރުދާން ހާއްސަ ރަށެއްގެ ގޮތުގައި ކަނޑައަޅަން ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ އެއްވެސް ވަރަަކަށް މަޝްވަރާކުރެވިފައިވާ ކަމެއް ނޫންކަމަށާއި، ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ މިލްކެއް ކަމަށެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ގުޅޭގޮތުން ދެބަސްވުމެއް އުފެދިފައިވަނިކޮށް، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ފަރުކޮޅުފުއްޓެއް މިހާރު ނޯންނާނެކަމަށާއި، އެކަން ހިނގައިދިޔަ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މިހާރުގެ މާލެ ސިޓީ މޭޔަރ މުއިއްޒަށްކަމަށެވެ.

"މުއިއްޒުގެ ވަޒީރުކަމުގަ ހައުސިން މިނިސްޓްރީން ރަޖިސްޓްރީއެއް ހަދާފަ ފަރުކޮޅުފުށި ހިމެނޭގޮތަށް ހުޅުމާލޭގެ ފޭސް 2 ގެ ބިން އަމިއްލަ ބިމެއްގެ ގޮތުގައި އެޗްްޑީސީއަށް މިލްކު ކޮށްދިނީ. ފަރުކޮޅުފުއްޓެއް މިހާރު ނޯންނާނެ. އެކަން ހިނގައިދިޔަ ގޮތް އެންމެ ރަގަޅަށް އެނގެންވާނެ އެކަކީ މުއިއްޒު." އެސިސްޓެންޓް ޕީޖީގެ މަގާމުގައި ކުރިން މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ‏މުއިއްޒުގެ ވަޒީރުކަމުގައި ހައުސިން މިނިސްޓްރީން ރަޖިސްޓްރީއެއް ހަދާފައި ފަރުކޮޅުފުށި ހިމެނޭގޮތަށް ހުޅުމާލޭގެ ފޭސް 2 ގެ ބިން އަމިއްލަ ބިމެއްގެ ގޮތުގައި އެޗްޑީސީއަށް މިލްކު ކޮށްދީފައިވާކަމަށެވެ.

އެޗްޑީސީން ބުނީ ދަތުރުދާން ހާއްސަ ރަށެއްގެ ގޮތުގައި ސިޓީ ކައުންސިލުން ފަރުކޮޅުފުށި ކަނޑައެޅިޔަސް ފަރުކޮޅުފުއްޓަކީ މިހާރު އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ފަރުކޮޅުފުށި ހިމެނޭ ސަރަހައްދު ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް އެޗްޑީސީން ނިންމާފައިވާކަމަށެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުން ވެސް އެ ސަރަހައްދާމެދު ނިންމާފައިވާ ގޮތެވެ. މުއިއްޒުގެ ވަޒީރު ކަމުގައި ކޮށްފައިވާ މިފަދަ ގިނަ ކަންކަން މިހާރު ހަނދުމަ ނެތިގެން އުޅުއްވާ ކަމަށް ބައެއް މީހުން އަންނަނީ ސިފަކުރަމުންނެވެ. މިފަހަރުވެސް މި ދިމާވީ އެފަދަ ކަމެއް ކަމުގައި ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން