ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޯލް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް އޭނާ އެދިވަޑައިގެންފިއެވެ.

މާދަމާ ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްސަލަ ތާވަލު ކޮށްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދުގެ ފަރާތުން ވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ޝަރީއަތް ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މިކަމާއި މެދު ކޯޓުން ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރައިވަޑައިގެންނެވީ މިމައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށެވެ. އޭނާ ފުރައިގެން ވަޑައިގެންނެވީ ތުރުކީ ވިލާތަށް ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭނާ މިހާރު ފިލައިގެން އުޅުއްވާތަކެއް ސަރުކާރުގެ ކަމާބެހޭ ފަރަތްތަކަކަށް ނޭނގެއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުންނެވެ. އެމައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޯލް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް އަލީ ވަހީދު އެދިވަޑައިގަތަސް، ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޝަރީއަތް ވީޑިއޯ ކޯލް މެދުވެރިކޮށް މީގެ ކުރިން ކުރިއަށްގެންގޮސްފައެއް ނުވެއެވެ. ޕީޖީން ވެސް ވަނީ އޭނާ ހާޒިރު ނުކުރެވުނު ކަމަށް ޝަރީޢަތުގައި ވެސް އެއްބަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން