އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާގުޅިގެން، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް، އަޙްމަދު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަޙްމަދު މަޚްލޫފަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައިގެ ތަހްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަޙްމަދު މަޚްލޫފްހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެވަޑައިގެންފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެންއޮތްކަމަށް އޭސީސީން ބުނެއެވެ. އަދި އެ ވޯޓަށްފަހު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަޙްމަދު މަޚްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފްގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަޙްމަދު އަދީބު، އަޙްމަދު މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙްޤީޤުން އެނގޭކަމަށްވެސް އޭސީސީން ބުނެވައި ވެއެވެ.

އަޙްމަދު މަޚްލޫފް ގެ އެކައުންޓަށް ޖަމާކޮށްފައިވާ 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް އަޙްމަދު މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙްޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތްކަމަށް އޭސީސީން ބުނެއެވެ. އަދި މިއީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަޙްމަދު މަޚްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަޙްޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާއިން އެނގެން އޮތްކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ތެއްތިރީސްހާސް އެމެރިކާ ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭ.ސީ.ސީއަށް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފާ ޙަވާލުކޮށްފައިވާނެކަމަށް، އަޙްމަދު މަޚްލޫފް އޭ.ސީ.ސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށެވެ. އެގޮތުން، އަޙްމަދު މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތަތީ، އެމައްސަލައިގައި ދައުވާކޮށްދިނުމަށްވެސް ހުށަހަޅާފައިވާކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މިނިސްޓަރ މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ހުށަހަޅާފައިވާއިރު، މަހްލޫފަކީ \އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާކުރަން ފޮނުއްވި މި ސަރުކާރުގެ އެންމެ އިސް ބޭފުޅާކަންވެސް ފާހަގަކޮށްލެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އެކި ގޮތްގޮތުން ބައިވެރިވެ މަންފާ ލިބިފައިވާ ކަމަށް ބުނާ މީހުންގެ ލިސްޓެއް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އާންމު ކޮށްފައެވެ. އެ ލިސްޓުގައި ކުރިއާއި މިހާރުގެ މަޖިލިސް މެންބަރުންނާއި ކުރިއާއި މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސަލާމަތީބާރާއި ޝަރުޢީ ދާއިރާގެ އިސް ފަރާތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން