ޒަހީނުއްދީން ސަޢީދު   11 ޖޫން 2021 - 19:41
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހޫނު ރައްދެއް ދެއްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށްބުނެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުއްވި މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދި ޚިޔާލު ތަފާތުވުންތައް ވަނީ ބޮޑުވެފައެވެ. އެމައްސަލަ ބޭރުކޮށްލީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ)  މަޖިލިސް މެމްބަރުންނަށް ލޮބީ ކުރައްވައިގެން ކަމަށް މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲ ވަނީ ތުހުމަތުކުރައްވާފައެވެ.

މަޖިލީހުގެ ކޮމިޓީތަކުން ކުރާ މަސައްކަތަކަށް ބިގޭ ހުރަސްއަޅުއްވާކަމަށް އީވާ ވިދާޅުވިއެވެ. އަދި އެގޮތަށް ކަންކަން ނުކުރެއްވި ނަމަވެސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ހުރަސްނާޅުއްވާނެ ކަމަށެވެ. އަދި އޭނާއާއި ރައީސް ނަޝީދާ ދެމެދުގައި އޮންނަ ގުޅުމަކީ އެއްބަޑުއެއްބަފާކަމުގެ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ޚާއްޞަކޮށް އޭނާ ހުރަސްނާޅުއްވާނެކަމުގެ ޔަޤީންކަން ބިގޭވަނީ ދެއްވާފައެވެ. އަދި އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލުމުގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެ އޭނާއަށް އަމާޒުކުރާ ތުހުމަތުތައް ބިގޭ ވަނީ ދޮގު ކުރައްވާފައެވެ.

އެކަމަށް އިޝާރަތް ކުރައްވައި ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ސިޔާސީ ފައިދާއަށްޓަކައި އެމަނިކުފާނުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެންބަރު، ކުރައްވަމުން ގެންދަވާ ކަންކަމާއި ވިދާޅުވަމުންގެންދަވާ ބަސްފުޅުތައް އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ މަނިކުފާނަށް ރަނގަޅީ އެހެން ބޭފުޅުން އެމަނިކުފާނާމެދު ބަހައްޓަވާ ވަފާތެރިކަމާއި މަދަދުގެ ވާހަކަ ބިގޭ ނުދެއްކެވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެ ބޭފުޅާ ނުދެއްކެވިއްޔާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކޮމިޓީއަށް ހުށައެޅުއްވި ޒަމީލުގެ މައްސަލަ ނުބަލަން އިމްތިޔާޒު ކޮމިޓީން ނިންމީ އެމްޑީޕީގެ ހަތަރު މެންބަރުންވެސް ވޯޓު ދެއްވައިގެން ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން