އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީސް ގާއިމު ކުރުމާމެދު ގޮތެއް ނިންމާނީ ދިވެހި ރައްޔިތުންކަމަށާއި އެކަމުގައި އިންޑިއާއަށް ގޮތެއް ނުނިންމޭނެކަމަށް ސަލަފް ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ، އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލުމުގައި ފާހަގަކޮށްލެވޭ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ދިވެހިރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދުމަށް ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރަށްވަމުން ގެންދަވާ އަލީ ރަމީޒް މިހެން ވިދާޅުވީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަކީ ދިވެހިރާއްޖެއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި އެކަމާމެދު ދެބަސްވުމެއް ނެތް ކަމަށް އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނުމާއި ގުޅިގެނެވެ.

އިންޑިއާގެ ޚާރިޖީވުޒާރާއިން މިހެން ބުނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިންޑިޔާގެ ޚާރިޖީވުޒާރާގެ ތަރުޖަމާން އަރިންދަމް ބަގްޗީ ވިދާޅުވީ މީޑިޔާ ރިޕޯޓުތަކާ ގުޅިގެން ވާހަކަ ދައްކަވަން ބޭނުންނުވާ ކަމަށެވެ. އައްޑޫ ސިޓީގައި އިންޑިޔާ ކޮންސިއުލޭޓެއް ހުޅުވުމަކީ ދިވެހިރާއްޖެއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި އެކަމާއި މެދު ދެބަސްވުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި އެއްވެސް ދެބަސްވުމަކަށް ޖާގައެއް އޮތް ކަމަކަށް ނުފެނޭ. ކޮންސިއުލޭޓެއް ނުވަތަ ޕޯސްޓެއް ހުޅުވަނީ އަބަދުވެސް އެ ތަނެއް ޤާއިމުކުރާ ޤައުމެއްގެ ސަރުކާރާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ކަމެއް." އަރިންދަމް ބަގްޗީ ވިދާޅުވިއެވެ.

މިކަމުގައި ޚިޔާލުފާޅުކުރަށްވަމުން އަލީ ރަމީޒު ވިދާޅުވީ ކޮންސިއުލޭޓް އެޅުމުގައި މައްސަލައެއް އޮތްތޯ ނުވަތަ ނެތްތޯ ނިންމާނީ އިންޑިއާއިން ނޫންކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމާނީ ދިވެހި ރައްޔިތުންކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

"މައްސަލައެއް އޮތްތޯ ނެތްތޯ ކަނޑައަޅާނީ ކަލޭމެނެއް ނޫން. އެކަން ކަނޑައަޅާނީ ދިވެހި ރައްޔިތުން." އަލީ ރަމީޒު ވިދާޅުވެފައި ވެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހުން ހުޅުވުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ނިންމުމާމެދު ރައީސް ސޯލިހު ވިދާޅުވެފައިވަނީ ކޮންސިއުލޭޓް އެޅުމަކީ އިންޑިޔާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އިންޑިޔާއިން އެހާ ހަމައަށް ދިވެހި ސަރުކާރާ މުއާމަލާތްކޮށްފައިނުވާ ކަމަށާއި، އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ގޮތެއް ނުނިންމާ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. އިންޑިޔާގެ ނިއުދިއްލީގައި ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު، ޓްރިވަންޑަރަމުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުންނަކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެކަމަކީ ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. އަދި އެކަމުގައި އިންޑިއާ ސަރުކާރާއެކު ވާހަކަ ދައްކަވާނެ ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ޤާއިމުކުރަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އައްޑޫގެ ޒުވާނުންގެ ބަޔަކު އިސްނަގައިގެން "ސޭވް އައްޑޫ"ގެ ނަމުގައި ހަރަކާތެއް މިހާރު ވަނީ ފަށާފައެވެ. މި ހަރަކާތުގައި އައްޑޫއަށް ނިސްބަތްވާ ގިނަ އަދަދެއްގެ އިލްމީ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް ބައެއް ވަޒީރުންނާއި އެދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އެކަމަށް ތާއިދުކޮށް ވާހަކަ ދައްކާފައެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަކީ އައްޑޫއަށް ވިޔަފާރީގެ ކުރިއެރުންތަކާ އެކިކަހަލަ ތަރައްގީތަކާއި ފަސޭހަތަކާއި މަންފާ ލިބޭނެ ކަމެއް ކަމަށް އެ ފަރާތްތަކުން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަހުމަދު

15-Jun-2021

ބަރާބަރު ވާހަކައެއް އައްޔަ އެ ބުނީ


-7

އަހުމަދު އަލީ

13-Jun-2021

ދިވެހިދައުލަތަކުނވެސްނޫން. ސީދާއަލީ ރަމީޒު އެކަންނިންމާނީ.


4

ޢިސް

13-Jun-2021

ކޮންމަގާމެއް އަލީ ބޭނިމީ



ޓްރެންޑިން