މި އަހަރުގެ ސާނަވީ އިމްތިހާނުތައް ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ‏މި އަހަރުގެ 2 މޭ އިން މިއަދުގެ ނިޔަލަށް ދިވެހިރާއްޖޭގެ 234 ސެންޓަރެއްގައި 5955 ދަރިވަރުންނާއެކު ކުރިޔަށްދިޔަ ސާނަވީ ނިންމާ އިމްތިޙާނުތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށެވެ.



އެޑިއުކޭޝަން މިނިސްޓްރީން ވަނީ ‏ކޮވިޑް-19 ގެ މި ދަތި ވަގުތުގައި އާދަޔާ ޚިލާފު ހިތްވަރެއް ދެއްކި ލޮބުވެތި ދަރިވަރުންގެ ހިތްވަރާއި ކެތްތެރިކަމާއި ނުގުޑާފަދަ ޢަޒުމަށް އައްސަރިބަހާ ސާބަސް ރަށްދުކޮށްފައެވެ. ‏މީގެއިތުރުން އެމިނިސްޓްރީން ވަނީ ބެލެނިވެރިންނާއި ދަރިވަރުންގެ ޢާއިލާތަކުން ދެއްކެވި ކެތްތެރިކަމާއި ސާބިތުކަމާއި ހިތްވަރަށް ތަޢުރީފު ކޮށްފައެވެ.



އެޑިއުކޭޝަން މިނިސްޓްރީން ބުނީ ‏މި އިމްތިޙާނުތައް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ޕޮލިސް ސާރވިސް، ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް، އަދި ރަށްރަށުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށެވެ. އަދި އިމްތިޙާނުތަކާއި ގުޅިގެން ކުރަން ޖެހުނު ދަތުރުތައް ކުރުމުގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ވެދިން އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން