ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ނުކުންނަންވީ އިދިކޮޅު ޕާޓީއެއް ހަދައިގެން ކަމަށް އެޕާޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް، އިބުރާ ވިދާޅުވެއްޖެއެވެ.

އިބުރާ މިހެން ވިދާޅުވީ މިހާރު މިއޮތީ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ ސަރުކާރެއް ކަމަށް ދޭހަވާ ގޮތަށް މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ ދެއްކެވި ވާހަކަތަކަށް އިޝާރަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް ބިގޭގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ. އަދި އެކަން އެގޮތަށް ނުކުރި ނަމަވެސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ، އެޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން މިސަރުކާރަކީ ބިގޭމެން ބޭނުން ސަރުކާރޭ ވިދާޅުވުމުން ވަރަށް ސާފުކޮށް އެ ވިދާޅުވަނީ އެބޭފުޅުން މި ސަރުކާރު ބޭނުންނުވާކަން ކަމަށެވެ.

"ދެން އެހެންވީމާ، އިދިކޮޅު ޕާޓީއެއް ހަދައިގެން އެމްޑީޕީން ނިކުންނަންވީ، ނޫނީ މައިތިރިވެގެން ރައްޔިތުންނަށް ޚިދުމަތް ކުރަން ފަށަންވީ." އާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު އިބްރާ ވިދާޅުވިއެވެ.



މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ބޭރުކޮށްލި މައްސަލަ ހޫނުވެ އެމްޑީޕީގެ މަސައްކަތްތައް ދެކަފިވެފައިވާއިރު، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ އެ މައްސަލަ ކޮމިޓީން ބޭރުކޮށްލެއްވުމުގައި ބިގޭގެ އަތެއް ވާކަމަށް ބުނެ އެމްޑީޕީގެ އިސްބޭފުޅުން ވަނީ ބިގޭއަށް ފާޑުވިދާޅުވެފައެވެ.



އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ވެރިކަމުގެ ދެބާރެއް އެމްޑީޕީގެ ތެރޭގައި އޮތް ކަމަށާއި އެ ދެބާރުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެ، އަދި އެމްޑީޕީގެ މަސައްކަތް ވެސް ދެބައިވެފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީ ދެބައިވީ އެމްޑީޕީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ. ސަރުކާރާ ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމްލަކޮށް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުނީމަ." ޙަސަން ލަތީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން