ހަމައެކަނި ކައުންސިލްގެ ހުއްދަ ހޯދައިގެން ރުއްގަސް ކަނޑައިގެން އެއްތަނުން އަނެއްތަނަށް ނުގެންދެވޭނެކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނެފިއެވެ.

ރާއްޖޭގެ ރަށްރަށުން ރުއްގަސް ކެޑުމާއި ގުޅޭ ސިޔާސަތާއި އުސޫލުތައް ހާމަކޮށް އީޕީއޭއިން ނެރުނު ބަޔާނުގައި ބުނީ ހަމައެކަނި ކައުންސިލްގެ ހުއްދައަށް ރިޢާޔަތްކޮށް ޤަވާއިދާ ޚިލާފަށް ގިނަ ފަރާތްތަކަކުން ރުށްގަސް ކަނޑައި ނުވަތަ ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެންދާކަން ފާހަގަކުރެެވިފައިވާކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ޤަވާއިދު" ގެ ދަށުން މިކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެންކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން ރިޒޯޓް ތަރައްޤީކުރާ ފަރާތްތަކުންނާއި، ކޮންޓްރެކްޓަރުންނާއި، ކައުންސިލްތަކުން މިކަން ޔަޤީންކުރުމަށް އީޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.



އީޕީއޭގެ ބަޔާނުގައި ޤަވާއިދާއި ޚިލާފަށް ރުށްގަސް ކަނޑައި ނުވަތަ ނަގައިގެން އެއްރަށުން އަނެއްރަށަށް އުފުލާ ފަރާތްތަކާމެދު ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން