ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީ ދެބައިވީ އެޕާޓީގެ ތެރޭގައި އޮތް ވެރިކަމުގެ ދަހިވެތި ކަމުގެ ސަބަބުން ކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އެތެރޭގެ ޚިޔާލު ތަފާތުވުންތައް ބޮޑުވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާ މި ދަނޑިވަޅުގައި ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ، އެމްޑީޕީ ދެބައިވެގެން އުޅެނީ ބައެއް ބޭފުޅުންގެ ކެތްތެރިކަން ކުޑަވެ، ވެރިކަމަށް އޮތް ދަހިވެތި ކަމެއްގެ ސަބަބުން ކަމަށެވެ.

ޒައިދު އެ އިޝާރަތްކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ތާއިދު ކުރައްވާ ޕާޓީގެ އިސް ފަރާތްތަކުން ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައީސް ނަޝީދު ބޭނުންފުޅުވަ ގޮތަށް އެމަނިކުފާނު ބޮޑުވަޒީރުކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ތަކަށް އިޝާރާތް ކުރަށްވާ ކަމަށް ބެލެވެއެވެ. އެފަދަ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲ ހިމެނިވަޑައިގަންނަވައެވެ. ޒައިދު ވިދާޅުވީ، ރައްޔިތުން ރައީސުލްޖުމުހޫރިއްޔާ އިންތިޚާބު ކޮށްފައިވަނީ ފަސްއަހަރުގެ މުއްދަތަށްކަން ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ދުވަހަކުވެސް މިދަންނަވާ ފެކްޝަނަށް ތާއިދެއް ނުކުރާނަން،" ރައީސް ސޯލިހުގެ ސަރުކާރަށް ތާއިދު ކުރައްވާ ޒައިދު ވިދާޅުވިއެވެ.

އައްޝައިހު އަލީ ޒައިދުގެ ވާހަކަތަކަށް ތާއިދު ކުރައްވާ މޭރުމަކުން ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބުދުލްލަތީފް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ޑރ. އިޔާޒު ވިދާޅުވީ، ކަމަކަށް މާބޮޑަށް އަވަސް އަރައިގަތުމަކީ މުޅިއެތި އެއްކޮށް ގެއްލިގެން ހިގައިދާނެ ކަމެއް ކަމަށް އަރަބި ހަރުބަހެއްގައި އޮންނަ ކަމަށެވެ.

އެމްޑީޕީގެ ދެބައިވުމާއި ގުޅޭގޮތުން އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ޕާޓީ ދެބައިވީ އެޕާޓީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެކަން އެގޮތަށް ދިމާވީ ޕާޓީގެ ރައީސް، ރައީސް މުުހަންމަދު ނަޝީދާއި އަދި ޕާޓީވެސް އެއްކައިރިކޮށް ސަރުކާރު ހިންގާތީ ކަމަށް ހަސަން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން