ލޯކަލް ގަވަމެންޓް އޮތޯރިޓީ, އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތައް ތަމްސީލްކުރާ މެމްބަރަކަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް އިންތިޚާބުވެއްޖެއެވެ.

އެލްޖީއޭ ބޯޑުގައި ސިޓީ ކައުންސިލްތައް ތަމްސީލްކުރާ މެމްބަރަކަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް އިންތިހާބުވި މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒާ ވާދަކޮށްގެން، 3 ވޯޓުން ކުރި ހޯއްދަވައިގެނެވެ. އިންތިހާބުގައި ރަފީގަށް ލިބިވަޑައިގަތީ 24 ވޯޓެވެ. އަދި މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރަކު އައްޔަންކުރުމަށް ސިޓީތަކުގެ އިތުރުން ރަށު ކަށުކައުންސިލާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިންވެސް ބޭފުޅަކު އައްޔަންކުރަންޖެހެއެވެ. އަތޮޅު ކައުންސިލްގެ ރައީސް ތަމްސީލްކުރާ މަގާމަށް އިތުރު ބޭފުޅަކު ވާދަނުކުރުމުން މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވަނީ އެމަގާމަށް ހޮވިވަޑައިގެންފައެވެ. އަދި ރަށު ކައުންސިލް މެމްބަރުންގެ ތެރެއިން ބޯޑަށް ހޮވާ މެމްބަރުގެ އިންތިހާބުގެ ވޯޓުލުން ދަނީ ކުރިއަށެވެ.



ރަށު ކައުންސިލުން އިންތިޙާބުކުރާ މެމްބަރުކަމަށް 7 ކައުންސިލަރުން ވާދަކުރެއެވެ. އޭގެތެރޭގައި ހިމެނެނީ އެމްޑީޕީގެ 5 ކައުންސިލަރަކާއި އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރަކާއި އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ކައުންސިލަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން ދެން އެލްޖީއޭގެ ބޯޑުގައި ހިމެނޭނީ، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން