މަސްތުވާތަކެތި ބޭނުންކުރާ މީހުން މިސްކިތްތަކުގައި އުޅޭ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްގެން އެކަން ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން މިހެން ބުނެފައި މިވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ނިދާފައި ތިބޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވަނިކޮށެވެ.

ފުލުހުން ބުނީ ބައެއް ފަރާތްތަކުން މިސްކިތްތައް ބޭނުންކުރުން އެކަށޭނަ ނޫން އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުންކުރާކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ނިދުމާއި، އެއްޗެހި ދޮވުންފަދަ ކަންކަން ކުރާކަމުގެ ޝަކުވާ ލިބޭކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މިކަންކަން ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރާކަމަށެވެ. އެގޮތުން ކޮންމެ ރެއަކު މިސްކިތްތައް ބަލައި، މިސްކިތް އެގޮތަށް ބޭނުންކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށްވެސް އެމީހުން ގެނެސް، މައްސަލަ ތަހުޤީޤްކުރާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިކަންކަމުގެ މައުލޫމާތު ކަމާއި ގުޅުންހުރި އެހެނިހެން އިދާރާތަކަށްވެސް ހިއްސާކޮށްގެން، ހައްލެއް ހޯދުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންގެންދާކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އާއްމުކޮށްފައިވާ ފޮޓޯތަކުން، މިސްކިތްތަކުގައި ބައެއް މީހުން ނިދާފައި ތިބޭ މަންޒަރު ފެނެއެވެ. އަދި އެމީހުން ކައިރީގައި ލައިޓަރު ފަދަ ތަކެތިވެސް ފެންނަން ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން