އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހަޅަން ހުޅުވާލައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތަކީ 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ޙައްލު ހޯދައި ދިނުމެވެ.

އެގޮތުން މި އޮފީހަށް 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 ވަނަ ދުވަހާ ދެމެދުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި، އަސާސީ މިނިވަންކަމަށް އަރައިގަތުމުގެ އަމަލުތަކުގެ މައްސަލަތައް ހުށަހެޅޭނެއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ބުނީ މިއަދުން ފެށިގެން އޯގަސްޓުމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެއޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ދީފައިވާ މުހުލަތަކީ ދެ އަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ އިންތިޤާލީ އިންސާފުގެ ބިލު ތަސްދީޤު ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި ޤާނޫނުގައި އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްޢޫލިއްޔަތުތަކާއި، އެ ފަރާތުގެ ބާރުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެއާއެކު މި ޤާނޫނުގައި އޮމްބަޑްސްޕަރސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ތަޢައްޞުބުން އެއްކިބާވެތިބެ، މި ޤާނޫނުގެ މަޤްޞަދުތައް ހާސިލުވާނެ ގޮތުގެމަތިންކަމުގައި ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން