ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖަށްދާން ހަމަޖެހުނު ފަރާތްތަކަށް އަންނަ އަހަރު ހައްޖަށް ދިއުމުގެ ފުރުޞަތު ލިބޭނެކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިހެެން ބުނެފައިމިވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ހަމައެކަނި ސަޢުދީ އަރަބިއްޔާގައި ދިރިއުޅޭ ފަރާތްތަކަށް ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމުމާއި ގުޅިގެނެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ހައްޖުގެ ދަތުރުތައް ކެންސަލްކޮށްފައިވާއިރު ޙައްޖު ކޯޕަރޭޝަނުން ޖާގަ ރިޒާވް ކުރެވިފައިވާ ތަރުތީބުން އެފުރުޞަތު އަންނަ އަހަރު ލިބޭނެކަމަށެވެ. އެގޮތުން މިއަހަރު ހައްޖަށް ދާން ކަނޑައެޅި، ޖާގަ ދެވިފައިވާ ފަރާތްތަކަށް މި އަންނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ފުރުސަތު ދޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.



ސައުދީ ސަރުކާރުން ނިންމާފައިވާ ގޮތުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ 60000 މީހުންނަށެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ. އަދި ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އެއްވެސް ބައްޔަކަށް ބޭސްނުކުރާ އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. މީގެއިތުރުން މި އަހަރުގެ ޙައްޖުގެ އަޅުކަންވެސް ކުރިޔަށްދާނީ ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއެކުކަމަށް އެ ސަޢުދީ ސަރުކާރުންވަނީ ބުނެފައެވެ.

މިދިޔަ އަހަރުވެސް ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1000 މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން