މައްސަރުކަންތައް ޖެހުމަކީ އަމިއްލަ ސާފުތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާވެސް ގުޅިފައިވާ ކަމަކަށްވާތީ ޕީރިއަޑްވުމުން ނުވަތަ މައްސަރުކަންތައް ޖެހުމުން ކަންކުރަންވީ ގޮތްވެސް ކުދީންގެ އުމުރާ ގުޅޭގޮތަށް ކިޔާދޭން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.

"މެންސްޓްރުއަލް ހެލްތު އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް" އާގުޅޭ ގޮތުން ޕޮލިސީ ލެވެލްގެ ބޭފުޅުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ވެބިނާގައި ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުދިން ފުރާވަރު އުމުރަށް އަރައިގެން އަންނައިރު ޖިސްމާނީ ގޮތުން ކުއްޖާއަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ކުދިން ހޭލުންތެރިކުރުވުމުގެ މައިގަނޑު ސަބަބުތައް ފާހަގަކުރައްވާފައެވެ. އެ ގޮތުން ޕިއުބަޓީއާ ގުޅިގެން ޖިސްމާނީ ގޮތުންނާ ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާ ފިރިހެން ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ޞައްޙަ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދޭންޖެހޭކަމާއި އަދި މިއީ އުފަންވެނި ޞިއްޙަތާ ގުޅުންހުރި ކަމަކަށް ވާތީ މި ކަމުން ދިމާވެދާނެ ކަންކަމަށްޓަކާ ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މެންސްޓްރުއޭޝަން އަކީ ނުވަތަ މައްސަރުކަންތައް ޖެހުމަކީ އަމިއްލަ ސާފު ތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާވެސް ގުޅިފައިވާ ކަމަކަށްވާތީ ޕީރިއަޑް ވުމުން ކަންކުރަންވީ ގޮތްވެސް ކިޔާދޭން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ކުއްޖާގެ އުމުރާ އެ މުޖުތަމަޢެއްގެ މާޙައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާކަމަށެވެ. ހަމަ އެހެންމެ ޕިއުބަޓީގެ ވާހަކަ ނުވަތަ ކުދިން ފުރާވަރަށް އަރަމުން އަންނައިރު ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑިއުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވާ ކަމަށާއި، އަދި މުޅި މުޖުތަމަޢަށް ފައިދާވާގޮތަށް މިކަން ކުރެވޭނީ ބެލެނިވެރިންގެ ރުހުމާ އެއްބާރުލުމާއެކު ސްކޫލް ކަރިކިއުލަމްގެ ތެރެއިންކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން ޕީރިއަޑް ޓެބޫއަށް އެޑްރެސް ކުރެވޭނެ ގޮތްތަކަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާ ލެއްވިއެވެ. އަދި، މިފަދަ ކަންކަމަށް ވަކާލާތުކޮށް އުޞޫލުތައް ކަޑައަޅާއިރު އެކިކަންކަމަށް ބޭނުން ކުރާނެ އެކަށީގެންވާ ދިވެހި ބަސް ހުންނަންޖެހޭކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަނާއި، ޒީރޯ ވޭސްޓު މޯލްޑިވްސް ގުޅިގެން ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) ގެ އެއްބާރުލުމާއިއެކު ހޮނިހިރު ދުވަހުގެ ރޭ ކުރިޔަށްގެންދިޔަ މި ވެބިނާގައި ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި، ޞިއްޙީ ދާއިރާ ތަމްޞީލުކުރައްވާ ބޭފުޅުންނާއި، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނާއި، މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

"މެންސްޓްރުއަލް ހެލްތު ޑޭ" ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން