ރާއްޖޭގެ ވައިގެ ބަނދަރުތަކާއެކު، ރާއްޖޭގެ ވައިގެ ސަރަޙައްދުވެސް ވިއްކާލާފައިވާކަމަށް ބުނެ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ވައިގެ ބަނދަރުތަކުގެ އިތުރުން، ރާއްޖޭގެ ވައިގެ ސަރަޙައްދުވެސް ސަރުކާރުން ވިއްކާލާފައިވާކަމަށެވެ. އަދި މިއީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ މިއީ ރައީސް ސާލިހު މަޖުބޫރީ ހާލަތެއްގައި ކުރަންޖެހުނު ކަމެއްތޯ ވިދާޅުވެ ސުވާލުވެސް އުފައްދަވާފައެވެ.



"އެންމެފަހުން ޤައުމުގެ ވައިގެ ބަނދަރުތަކުގެ އިތުރުން، ވައިގެ ސަރަޙައްދުވެސް ވިއްކާލީ! މިއީ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ނުވަނީބާ؟ ނޫނީ ރައީސަށް މަޖުބޫރު ހާލަތެއް ކުރިމަތިވެ ރައްޔިތުންނަށް އެނގޭނެ ހާލަތެއްވެސް ނެތީބާ." ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވައިގެ ބަނދަރުތައް ބޭރުގެ ފަރާތްތަކުގެ 100 އިންސައްތަ ހިއްސާއާއެކު ހިންގޭގޮތަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންވެސް ހިމެނިވަޑައިގެންނަވައެވެ.

ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުގައި ވަނީ، 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން އެފްޑީއައި ޕޮލިސީގައި ކަނޑައަޅާފައި އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ނުކުރެވޭ ގޮތަށެވެ. އެގޮތުން ކުރިން އޮންނަ ގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ އެންމެ ބޮޑުވެގެން ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން