މިއަދު ފާހަގަ ކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ކޭމްޕެއް ބާއްވައިފިއެވެ. މިހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ ބައިވެރިވެ ލޭ ހަދިޔާކޮށްފައެވެ.

މީގެއިތުރުން، ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ.

ލޭ ހަދިޔާ ކުރުމުގެ ކޭމްޕް މާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެންނެވެ. އަދި އަތޮޅު ތެރޭގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ އަތޮޅު އަދި ރީޖަނަލް ހޮސްޕިޓާތައް މެދުވެރިކޮށެވެ. ދެ ދުވަހަށް ކުރިޔަށް ދާ މި ކޭމްޕް މެދުވެރިކޮށް 70 އަށްވުރެގިނަ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީކޮށްފައިކަމަަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ.

މި ކޭމްޕްގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭހަދިޔާ ކުރުމާގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި ބީއެމްއެލުން ވަނީ މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސަރިވިސް އާ ގުޅިގެން ހާއްސަ ސެޝަނެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

މިފަދަ ހަރަކާތްތަކުން ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުންކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން