ވިޔަފާރިވެރިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ފަސްކުރުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒުއެވެ.

މުމްތާޒު ވިދާޅުވީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ވިޔަފާރިތަކުގެ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން މިކަންކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. މުމްތާޒް ވިދާޅުވީ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މުވައްޒަފުންގެ މުސާރަ ދިނުމާއި ވިޔަފާރިތައް ހިންގާ ތަންތަނުގެ ކުލި ދެއްކުމަށްވެސް ދަތިވެފައިވާކަމަށެވެ. އަދި އެފަދަ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ލޯނުތައް ދެއްކުމުގައި ލުއިދިނުމަށް މޮނިޓޯރިއަމް ހަމަޖަސައްސައިދިނުމަށް ސަރުކާރަށާއި މަރުކަޒީ ބޭންކު، އެމްއެމްއޭއަށް މުމްތާޒު ވަނީ ގޮވާލައްވާފައެވެ.

މުމްތާޒް ހުށަހެޅުއްވި ޤަރާރުގައި ޝަރުތުތަކުގެ ތެރޭގައި އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކަށް މޮނިޓޯރިއަމް ހަމަޖައްސައިދިނުން، މޮނިޓޯރިއަމް ދިނުމުގައި ލޯނު ނުވަތަ ކްރެޑިޓް ފެސިލިޓީއަށް ފައިސާ ދައްކާފައިވުމަކީ ޝަރުތެއް ކަމުގައި ކަނޑަނޭޅުން، މޮނިޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓްރަސްޓެއް ލޯނަށް އަދި ކްރެޑިޓް ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާއަށް އިތުރު ނުވެ އެއްކޮށް މާފުވާގޮތުން ހަމަޖައްސައިދިނުން، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލާ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޭންކުތަކާއި ފައިނޭންޝިއަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ކުރިން ދެންނެވުނު އުސޫލުން މޮނިޓޯރިއަމް ލިބޭގޮތް ހަމަޖައްސައިދިނުން ހިމެނެއެވެ.

މުމްތާޒް ހުށަހެޅުއްވި ޤަރާރަށް މައިގަނޑު ގޮތެއްގައި މަޖިލީޙުގެ ހުރިހާ މެމްބަރުންވެސް ތާއީދުކުރެއްވިއެވެ.

ޤަރާރަށް ބަހުސްކުރެއްވި މެމްބަރުން ފާހަގަކުރި ގޮތުގައި ކޯވިޑާއި ގުޅިގެން ކުދި ވިޔަފާރިތަކަށް ވަނީ ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައެވެ. އަދި އެކަންކަމުގެ ސަބަބުން ބައެއް ވިޔަފާރިތައް ބަނގުރޫޓްވެފައިވާކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ. އެހެންކަމުން އެކަންކަމުން އަރައިގަތުމަށް ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ކޯވިޑުން ލިބުނު ގެއްލުމުން އަރައިގަތުމަށް މީގެކުރިންވެސް ވިޔަފާރިތަކަށް ލުއިތަކެއް ދީފައެވެ. އެގޮތުން ބެންކުތަކާއި ވާހަކަދައްކައިގެން ލޯނުތައް ފަސްކުރުމާއި، އިތުރު ލޯނުތައް ހަމަޖެއްސުން ހިމެނެއެވެ. އެގޮތުން މިފަހަރުވެސް މިފަދަ ލޯނު ސްކީމެއް ތަޢާރަފުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން