ރާއްޖޭގައި އޮޕަރޭޓްކުރާ ވައިގެ ބަނދަރެއްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ބޭރުބަޔަކަށް ނުވަތަ އަމިއްލަ ފަރާތަކަށްވެސް ނުދޭނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ދިވެހިންގެ ބައިވެރިވުމެއްނެތި ބޭރު ކުންފުނިތަކަށް ރާއްޖޭގެ އެއަރޕޯޓްތައް ހިންގޭ ގޮތްހެދުމަށް ނުވަތަ އެއާޓްރާންސްޕޯރޓްގެ ޚިދުމަތް ދެވޭގޮތަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.



ފައްޔާޒު ވިދާޅުވީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީއަށް ސަރުކާރުން ގެނެސްފައިވާ ބަދަލުގެ ތެރެއިން ރާއްޖޭގެ ވައިގެ ބަނދަރެއްގެ އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރު ބަޔަކަށް ނުވަތަ އަމިއްލަ ފަރާތަކަށްވެސް ނުދޭނެކަމަށެވެ. ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ބަލަހައްޓާނީ ދިވެހި ދައުލަތުންކަމަށެވެ.

ފައްޔާޒު ވަނީ ހަނިމާދޫ އެއަރޕޯޓް ބޭރު ބަޔަކަށް ދޭން އުޅޭކަމަށް ދައްކަމުންދާ ވާހަކަތައްވެސް ދޮގުކުރައްވާފައެވެ. އެގޮތުން ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ކަމުގައިވީ ނަމަވެސް އެ އެއަރޕޯޓު ހިންގާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.



ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ތެރޭގައި 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ ގޮތް ނުވަތަ އެއާޓްރާންސްޕޯރޓް ޚިދުމަތް ދެވޭގޮތަށް ހެދުން ހިމެނެއެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން އެފްޑީއައި ޕޮލިސީގައި ކަނޑައަޅާފައި އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ނުކުރެވޭ ގޮތަށެވެ. އެގޮތުން ކުރިން އޮންނަ ގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ އެންމެ ބޮޑުވެގެން ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި މިއީ ދައުލަތަށް މިކަމުން ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއްކަަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން