ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްގެ ރައީސާގެ މަގާމަށް ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް މިއަދު ހަމަޖައްސަވައިފިއެވެ.

ވިމެން އިން ޑިޕްލޮމަސީ ނެޓްވާކަކީ މީގެ އެތަށް އަހަރެއްކުރިން، އިނގިރޭސިވިލާތުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލައިގެން އުފައްދާފައިވާ ނެޓްވާކެކެވެ.

މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މިނެޓްވާކްގެ ރައީސާކަން ޑރ. ފަރަހަނާޒް ފައިޒަސަލާއި ހަވަލާކޮށްދެއްވީ އެ ޖަމިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ލިންޑާ ސްކޮޓެވެ. މިހަފްލާ ބާއްވާފައިވަނީ އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައެވެ. ޑރ. ފަރަހަނާޒް ފައިސަލް މަޤާމުގެ މަސްއޫލިއްޔަތު ނެންގެވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުއެވެ.             

ޑރ. ފަރަހަނާޒް ފައިސަލްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބުއަކަށް ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސޮފީ ކަޓްސަރަވާއެވެ. އަދި މި ނެޓްވާކުގެ މަސައްކަތުގައި ދުވަހުން ދުވަހަށް ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވުމުގައި އިސްކޮށް ހުންނަވާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫ.އޭ.އީ. އެމްބަސީގެ ސަފީރުގެ ނާއިބެވެ.

ވިމެން އިން ޑިޕްލޮމަސީ ނެޓްވާކުގެ މަސައްކަތް އެތަކެއް އަހަރެއްވަންދެން މަޑުޖެހިފައިއޮތުމަށްފަހު، އެމްބަސީ މެގަޒިންއާއި ގުޅިގެން މި ނެތްވާކުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ އަހަރު އޭޕްރިލް މަހު އެވެ. މި ޖަމްއިއްޔާގެ މައިގަނޑު މަޤްސަދަކީ އަންހެނުން ބާރުވެރިކުރުވާ، މަސައްކަތުގެ މާހައުލުގައި އަދި ދިރިއުޅުމުގައި އަންހެން ޑިޕްލޮމެޓުންނަށް ދިމާވާކަންތައްތައް ދެންތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަ ދައްކާ ހައްލުހޯދުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމްއިއްޔާއިން އިސްނަގައިގެން އެހެން އެމްބަސީ އަދި ހައިކޮމިޝަންތަކުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމާއި ވޯކްޝޮޕްތައްވެސް ހިންގައެވެ. މީގެއިތުރުން އިނގިރޭސިވިލާތަށް އަލަށް ވަޑައިގަންނަވާ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓަރޝިޕް ޕްރޮގްރާމްތައްވެސް މި ނެޓްވޯކުން އިސްނަގައިގެން ކުރިއަށް ގެންދެއެވެ.                       

މިއަހަރުގެ ޖުލައި މަހުގެ ދައުރުގެ ރައީސާކަން ކުރައްވާ ހައިކޮމިޝަނަރ ޑރ. ފަރަހަނާޒްގެ ދައުރުގެ ތީމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިމާވާ ކަންތައްތަކަށް އަލިއަޅުވާލާ މަސައްކަތްކުރުންކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ. ޑރ. ފަރަހަނާޒަކީ މި ނެޓްވާކްގެ ތިންވަނަ ރައީސާއެވެ. އަދި މީ މި ނެޓްވާކްގެ ރައީސާކަން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ލިބުނުފަހަރުވެސް މެއެވެ.

ހައިކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިސަލަކީ ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަރލަންޑް އަދި ސްޕެއިނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން