މަޖިލީހުގައި މިއަދު ކުރިއަށްދަނީ ފޯރިގަދަ ބަހުސެކެވެ. ލާދީނީ ގޮވުން ހުއްޓާލުމަށް ސަރުކާރުން ހުށަހެޅުއްވި ބިލުގެ ބަހުސެވެ. ބިލުގެ ބަހުސް މަޖިލީހުގައި ފެށުމުގެ ކުރިންވެސް ސޯޝަލް މީޑިއާގައި ދިޔައީ މިކަމަށް ބަހުސްކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު މިބިލުގެ ބަހުސް ފެށުމާ ހިސާބުން ފެނިގެންދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ.

މިއަދުގެ ޖަލްސާގައި އެއްވެސް ވަރަކަށް އިދިކޮޅު މެމްބަރުންނަށް ހުށަހެޅިފައިވާ ބިލަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ނުދިނުމުގެ ގޮތުން އެމްޑީޕީގެ މެމްބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ މައްސަލަތައް ނަގައިގެން ޖެއްސުންކޮށްފައެވެ.

މިގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވާހަކަ ދައްކަވަން ފެއްޓެވުމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމާއި ކެލާ ދާއިރާގެ މެމްބަރު ޝިފާއު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވައިގެން ޖެއްސުންކޮށްފައެވެ. މީގެއިތުރުން މަޖިލިސް ގަވާއިދުގައި ބަހުސްގައި ބައިވެރިވުން މަނާކޮށްފައި އޮންނަ ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުވެސް ވަނީ އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ހުރަސް އަޅުއްވާފައެވެ.

މިމައްސަަލަ މަޖިލީހުގައި ބޮޑުވުމުން، މަޖިލީހުގެ އާއްމު ކޮމިޓީގެ މުޤައްރިރު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު ވަނީ މިމައްސަލަ ފާހަގަކުރައްވާފައެވެ. އަދި އިދިކޮޅު މެމްބަރުންނަށް އެއްވެސް ވަރަކަށް ފުރުޞަތު ނުދީ މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް އާމިރު ވިދާޅުވިއެވެ. އަދި އެއީ މަޖިލީހުގެ ގަވާއިދާއި ހިލާފު ކަމެއްކަމަށްވެސް އާމިރު ވިދާޅުވިއެވެ.

އާމިރުގެ އިތުރުން، ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމްވެސް ވަނީ އެމައްސަލަ ފާހަގަކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތާއި، އެމްޑީޕީގެ މެމްބަރުން އިދިކޮޅު މެމްބަރުންގެ ވާހަކައަށް ހުރަސް އަޅަމުންދާއިރު ރިޔާސަތުން އެކަމަށް އެއްބާރުލުން ދެމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް ކުރިއަށްދާއިރު މިއިސްލާހުގައި އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މިބިލުގެ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު، ގިނަ ބަޔަކު އަންނަނީ މިބިލާއި ދެކޮޅަށް ވާހަކަދައްކަމުންނެވެ. އެގޮތުން ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިއީ ރާއްޖޭގައި ސެކިއުލަރިޒަމް ނުވަތަ ދީނާއި ދުރު ހަރަކާތްތަކަށް ޖާގަ ދިނުމަށް ހުޅުވޭ ދޮރެއްކަމަށެވެ. އަދި މިބިލުގެ ސަބަބުން އިސްލާމްދީނާއި ދެކޮޅަށް ހިންގޭ ކަންކަމާއިމެދު ބަސް ބުނުމުގެ ހައްގުވެސް ގެއްލޭނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން