ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހައުސިން މަޝްރޫއުގައި ހިމެނޭ 1،000 ފްލެޓްގެ އަގުތައް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

އެ ހައުސިން ޔުނިޓުތައް އަޅަނީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގައި ހިމެނިގެން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޖުމްލަ ނުވަ ޓަވަރު އެޅުމަށް ވަނީ ނިއްމާފައެވެ.

މި މަޝްރޫއުގެ ދަށުން ތިން ކެޓަގަރީއަކަށް ފެތޭ ގޮތަށް، އިމާރާތް ކުރާ މި ހައުސިންގ ޔުނިޓް ތަކުގެ ތެރޭގައި ކައުންސިލް ހައުސިންއާއި އެފޯޑަބަލް ހައުސިން އަދި މިޑްލް އިންކަމް ހައުސިން ޔުނިތް ހިމެނެއެވެ. އެއީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ސިޓީ ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދޫކުރާ ކައުންސިލް ހައުސިންގައި ދެ ކޮޓަރީގެ 60 ޔުނިޓާއި ތިން ކޮޓަރީގެ 60 ޔުނިޓު ހިމެނޭނެ ކަމަށް މަަބްރޫކް ވިދާޅުވިއެވެ. ވަކި ވަރަކަށްވުރެ އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ކުއްޔަށްދޭ މި ކެޓަގަރީގެ ދެ ކޮޓަރީގެ ޔުނިޓަކަށް މަހަކު ދައްކަން ޖެހެނީ 5،500ރ. އެވެ. މި ކެޓަގަރީގެ ތިން ކޮޓަރީގެ ޔުނިޓެއްގެ ކުއްޔަކީ 7،000ރ. އެވެ.



މިހާރު އަޅާ ކައުންސިލު ހައުސިން ޔުނިޓުތައް ހިޔާ ފުލެޓް ތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސްވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެގޮތުން ސޯޝަލް ހައުސިންގެ ދަށުން އަޅާ ދެ ކޮޓަރީގެ ޔުނިޓެއްގައި 650 އަކަފޫޓު ހުންނާނެ ކަމަށާއި، ތިން ކޮޓަރީގެ ފްލެޓެއްގެ ސައިޒަކީ 800 އަކަފޫޓް ކަމަށް މަބުރޫކް ވިދާޅުވިއެވެ. ހިޔާ ފުލެޓެއްގައި ހުންނަނީ 586 އަކަފޫޓެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މަބުރޫކް ވިދާޅުވީ ކައުންސިލް ހައުސިން ޔުނިޓެއްގައި މާލީ ހާލަތު ރަނގަޅުވަންދެން އެތަން ކުއްޔަށް ދޭ އާއިލާތަކަށް ދިރިއުޅެވޭނެ ކަމަށެވެ. ކައުންސިލް ހައުސިންއާ ހިލާފަށް އެފޯޑަބަލް ހައުސިން ޔުނިޓުތަކަކީ ފައިސާ ދައްކަމުން ގޮސް އަމިއްލަ ކުރެވޭ ގޮތަށް ވިއްކާ ޔުނިޓްތަކެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ. ހިޔާ މަޝްރޫޢުގެ ފްލެޓްތައް ވިއްކާފައި ވަނީ މަހުން މަހަށް އަގު ދައްކައި ދިގުމުއްދަތުގައި އަގު ދައްކައި ޚަލާސް ކުރާ ގޮތަށެވެ.

އެފޯޑަބަލް ހައުސިންގެ ދަށުން ދޫކުރާ 650 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 8،600ރ. ދައްކަންޖެހެއެވެ. 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ މަހަކު 13،000ރ. އެވެ.

މީގެ އިތުރުން، މިމަޝްރޫޢުގައި ހިމެނިގެން މިޑްލެވަލް ހައުސިން ޔުނިޓުތަކެއް ތަރައްގީ ކުރާއިރު، އޭގެތެރޭގައި 750 އަކަފޫޓުގެ ދެ ކޮޓަރީގެ 160 ޔުނިޓާއި 1،000 އަކަފޫޓުގެ ތިން ކޮޓަރީގެ 500 ޔުނިޓު ހިމެނެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންސެޕްޓާއި ޑިޒައިނާއި މި މަޝްރޫއުގައި ފައިނޭންސް ކުރާނީވެސް އެޕޯލޯ ކުންފުނިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން